ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މިފަހަރު މާލެ ސަރަހައްދުގައި ހިފްޒުކޮށް ތަރާވީސް ކުރާ 37 ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ގުރުއާން ކިޔަވާ ހާފިޒުން ކަމަށެވެ. މީގެ އިތުރުން، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ހާފިޒުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ރަމަޟާން މަހުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރާ އިމާމުންގެ ތެރޭގައި ވެސް ޒުވާން ޚަޠީބުން ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
މިސްކިތްތަކުގެ ޖަމާޢަތްތައް ރޭވުމުގައި އާންމުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ބައްލަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ ކަމަށާއި، ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ތަރާވީސް ކުރުމުގެ ފުރުޞަތު ފަހިކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ އަދަދެއްގެ މީހުން އެއްވާތީ އެކަމަށް ރިއާޔަތްކޮށްފައިވާ ބަދަލެކެވެ.
މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތާއި ބަރުބަރީ މިސްކިތުގެ އިންތިޒާމުތަކަށް ގެނެވުނު ބަދަލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އާންމުކޮށް ކުރުކޮށް ތަރާވީސްކުރާ ޢާދިލް މިސްކިތުގައި މިފަހަރު ކުރާނީ ހިފްޒުކޮށް (ދިގުކޮށް) ކަމަށެވެ. އަދި ބަރުބަރީ މިސްކިތުގައި ތަރާވީސް ކުރާނީ ކުރުކޮށް ކަމަށެވެ. މި ބަދަލު ގެނައީ ޢާދިލް މިސްކިތުގައި ކުރުކޮށް ކުރާތީ ޖަމާޢަތް ބޮޑުވެ، މަޖީދީ މަގު ބްލޮކްވެ އާންމުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
މިނިސްޓްރީއިން މަސައްކަތް ކުރަނީ 2027 ވަނަ އަހަރު އަންނައިރު މާލެ ސަރަހައްދުގައި ތަރާވީސް ކުރާ ހުރިހާ ހާފިޒުންނަކީ ދިވެހިންނަށް ހެދުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މިއަހަރު ގިނަ އަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.