March 19, 2026
Advertisement
މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް / ވޮއިސް.އެމްވީ

ހައްޖު ކުންފުނިން ޓޫރިޒަމް ވިޔަފާރިކުރުމާ ޑރ. ޝަހީމް ދެކޮޅު

Sudha Latheef
ސުދާ ލަތީފް
Aug 7, 2025, 08:18 PM

ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ ޝަހީމް އެހެން ވިދާޅުވީ، ރާއްޖެ އިން މީހުން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނިން ސަރުކާރަށް ފައިދާވާނެ ގޮތް ހެދުމަށް ކަމަށް ބުނެ ހަލާލު ޓޫރިޒަމަށް ވަކި ކުންފުންޏެއް އުފައްދައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ އޭނާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އެކަމުގައި ކޯޕަރޭޝަނުން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހައްޖުގެ ކަންކަމަށް މީގެ 12 އަހަރު ކުރިން ހާއްސަ ކުންފުންޏެއް އުފެއްދީ ވެސް އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނެވި ދުވަސްވަރުގަ އެވެ. އެއީ، ހައްޖަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ލަނޑުދިން މައްސަލަތަކެއް ފެންމަތިވުމުންނެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ.


ހައްޖު ކޯޕަރޭޝަނުން އިއްޔެ ބުނީ ހޮޓާ އަޅާނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ، ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ގެސްޓް ހައުސް ހިންގުން ފަދަ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ޝަކީލް ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved