މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލު ހޮވަން ރައީސް މުހައްމަދު މުއިއްޒު ބޭނުންނުވާކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ފްރޮންޓް އޮފީސް ޖަލްސާގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މޫސާ އަލީ ޖަލީލް ހޮވަން ރައީސް މުއިއްޒުގެ ނިޔަތެއް ނެތްކަމަށާއި މޫސާ އަލީ ޖަލީލަކީ ރައީސް މުއއިްޒު ކަތިލައްވާ ކަންބަޅިއެއްކަމަށެވެ.
މޭޔަރުކަމަށް ރައީސް މުއިއްޒު ބޭނުންވަނީ މިހާރުވެސް މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމުކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ އެ ދެބޭފުޅުންގެ ދެމެދުގައި ގުޅުމެއް ވަނީ އެމްއެންޕީއާއެކު ސަރުކާރުން ހަދާފައިވާ ކޯލިޝަންގެ ސަބަބުންކަމަށް ފާހަގަކުރައްވާފައެވެ.،
އެގޮތުން ބަންޑާރަ ނައިބަކަށް ހުންނެވި އަހުމަދު އުޝާމަކީ ވެސް ހަމަ އެފަދަ ގޮތަކުން އެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރެއްވި ބޭފުޅެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިހާ ދުވަސްވެގެން ދިޔައިރު އާދަމް އާޒިމަކަށް ޝާއިއުކޮށްލާކަށް ނުކެރުނު.. އަޅުގަނޑުމެން މިހާވަރަށް މި ވާހަކަ ދައްކާތީއާ އަދި އޭނަވެސް ދެވަނަ ދަައުރެއް ބޭނުންވާތީ ކޮންމެވެސް ވަރަަކަށް ދުމުގައި ޖެހިލާގޮތަށް، އަމާބުނީތީ ފަރަށް ދާ އުސޫލުން ކަމެއް ކުރާ ގޮތަށް ކަމެއް ކޮށްލީ" ރައީސް ޔާމީން ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލް އޮޑިޓު ނުކޮށް މޭޔަރު އާޒިމް އުޅުއްވާތީ އެކަމަށް އެންމެ ބޮޑަށް ފާޑުކީ ޕީއެންއެފުންކަމަށާއި އޭގެ އަސަރު އާޒިމަށް ކުރީ ދެވަނަ ދައުރެއް ބޭނުންވެގެން ކެމްޕެއިނަށް ނިކުތުމަށްފަހުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.