ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ތިންވަނަ ފަހަރަށް އިޢުލާން ކުރުމާއެކު، ސަރުކާރުގެ ނިޔަތާމެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިޢުލާނުގައިވާ ގޮތުން، 10 އަހަރުގެ އެކްސްކްލޫސިވިޓީ ލިބޭ ގޮތަށް މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗު 25 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ.
މި ޚިދުމަތް ދޭނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިޢުލާން ކުރީ އޮގަސްޓު 2024 ގައެވެ. އޭގެ ފަހުން މިދިޔަ މަހުވެސް ދެވަނަ ފަހަރަށް އިޢުލާން ކުރި ނަމަވެސް، އެއްވެސް ސާފު ސަބަބެއް ބަޔާން ކުރުމެއްނެތި ތިންވަނަ ފަހަރަށް މިވަނީ އަލުން އިޢުލާން ކޮށްފައެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮންމެވެސް ގާތް ބަޔަކަށް މި މަޝްރޫޢު ދީގެން "ވައްކަމެއް" ކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ވަކި ބަޔަކަށް 10 އަހަރުގެ ދިގު މުއްދަތަކަށް އިނާޔަތްތަކެއް ދޭން އުޅުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފާޑުކިޔާ ފަރާތްތަކުން އިތުރަށް ފާހަގަކުރާ ގޮތުގައި، ދިވެހި ޒުވާނުން މިފަދަ ދާއިރާތަކުން ތަމްރީނުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި، ސަރުކާރުން އަބަދުވެސް ބަލަނީ ކޮންމެވެސް ކޮޅަކުން ވައްކަމެއް ކޮށްލެވޭނެ ގޮތެކެވެ. ތަކުރާރުކޮށް އިޢުލާން ކުރަމުންދަނީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މި ފުރުސަތު ފަހިކޮށްދިނުމަށް ކަމަށްވެސް ތުހުމަތު ކުރެވެއެވެ.
މިނިސްޓްރީން ބުނަނީ މިއީ ދަތުރުފަތުރުގެ ވިއުގަ ގުޅާލުމާއި ޓޫރިޒަމް ކުރިއެރުވުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ދެފުށް ފެންނަ ގޮތަކަށް ކަންކަން ނުކޮށް، ސިއްރުވެރި ގޮތަކަށް ތަކުރާރުކޮށް އިޢުލާން އާކުރަމުން ދިއުމަކީ މި މަޝްރޫޢުގެ ފަހަތުގައި ނޭދެވޭ ކަންތައްތަކެއް ހިނގަމުންދާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.