theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ރިޕޯޓު
ޗާގޯސް މައްސަލަ: ދިވެހިންގެ ހައްގުތައް "ވިއްކާލުމަށްފަހު" މިހާރު ކޮށްލަނީ މަލާމާތް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
25 ޖެނުއަރީ 2026
މާލެ ސިޓީ

ދިވެހިރާއްޖޭގެ ދެކުނުން އޮތް ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ މައްސަލައަކީ މިއަދު ދިވެހި ގައުމީ ސިޔާދަތާއި ވަތަނިއްޔަތާ ގުޅިފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ނަމަވެސް، މި މައްސަލައިގައި ފެންނަމުންދަނީ ދިވެހި ގައުމުގެ މުއްސަނދިކަމާއި ރައުސްމާލުތައް އަމިއްލަ އެދުމަށްޓަކައި ގުރުބާންކޮށްލާފައިވާ ހިތާމަވެރި މަންޒަރެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން، ބައިނަލްއަގުވާމީ މައިދާނުގައި ކުއްލިއަކަށް ރާއްޖޭގެ ސިޔާސަތު ބަދަލުކޮށް، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކުރަން ނިންމުމަކީ ދިވެހި މަސްކަނޑުން ބޮޑު ބައެއް ގެއްލިގެން ދިޔުމަށް މެދުވެރިވި ހިތާމަވެރި ސަބަބެވެ. ގައުމުގެ މިލްކިއްޔާތުން ބައެއް އުނިވެގެންދިޔަ މި ނިންމުމަކީ، ދިވެހި ތާރީޚުގައިވެސް ގައުމަށް ވެވުނު އެންމެ ބޮޑު އެއް ޚިޔާނާތުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ނަމަވެސް، މިއަދު ފެންނަމުންދަނީ މާ ހިތްދަތި މަންޒަރެކެވެ. އެމްޑީޕީގެ އިސްވެރިންނާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ ފޯޅަވަހީގެ ބެލެނިވެރިކަން އަދިވެސް ރާއްޖެއަށް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިއީ "ކަންބަޅި ބަކަރި ކާލުމަށްފަހު، އޭގެ ހަންގަނޑު ދައްކާލައިގެން މަލާމާތްކުރުން" ފަދަ ކަމެކެވެ. ވެރިކަމުގައި ތިބެގެން، ދިވެހިންގެ ހައްގުތައް މޮރިޝަސްއަށް "ދަރުބާރަކަށް" ދޫކޮށްލުމަށްފަހު، މިއަދު މިފަދަ ވާހަކަތައް ދެއްކުމަކީ ދިވެހި ރައްޔިތުންނަށް ކުރާ މަލާމާތެކެވެ.

މި މައްސަލައިގައި މިހާރުގެ ސަރުކާރުގެ އިޚްލާޞްތެރިކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ވެރިކަމަށް އައުމުގެ ކުރިން ޗާގޯސް ހޯދާނެ ކަމަށް ބާރަށް ވިދާޅުވި ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން މިކަމުގައި އެދެވޭ އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އެމްޑީޕީ ސަރުކާރުން ފެށި "ގައުމުގެ ރައުސްމާލު ވިއްކުމުގެ" ސިޔާސަތު، މި ސަރުކާރުންވެސް ހިމޭންކަމާއެކު ކުރިއަށް ގެންދަނީ ބާވައޭ ހިތަށް އަރައެވެ.

ޗާގޯސްއަކީ ދިވެހިންނާ ތާރީޚީ ގޮތުންނާއި، ބަހުގެ ގޮތުންނާއި، ސަގާފީ ގޮތުން ގުޅިފައިވާ ތަނެކެވެ. އެތަނުގެ ގަބުރުސްތާނުތަކުގައި ދިވެހި ބަހުން ލިޔެފައިވާ ލިޔުންތަކަކީ އެކަމުގެ ދިރި ހުރި ހެއްކެކެވެ. 16 ވަނަ ގަރުނުގެ ރޯޔަލް ޕޭޓެންޓްތަކުން ފެށިގެން، ދިވެހިންގެ އަނގަބަހުން ކިޔައިދޭ ތާރީޚާއި ޖިއޮގްރަފީގެ ގާތްކަމަށް ބަލާއިރު، ޗާގޯސްގެ މައްޗަށް ދިވެހިންނަށް އޮތް ދައުވާ މާ ވަރުގަދައެވެ.

އިނގިރޭސިވިލާތުގެ ގަވަރުނަރު ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ ޕްލޭން މަޑުޖައްސާލާފައެވެ. މިއީ ރާއްޖެއަށް ލިބުނު ރަނގަޅު ފުރުސަތެއް ނަމަވެސް، ސަރުކާރު އޮތީ "ނިދާފައެވެ". ގައުމުގެ ހައްގުތައް ހޯދުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދެނީ އަމިއްލަ މަންފާއަށެވެ.

ޚުލާސާކޮށް ދަންނަވާނަމަ، ޗާގޯސްގެ މައްސަލައިގައި އެމްޑީޕީއާއި މިހާރުގެ ސަރުކާރުންވެސް އުޅެނީ ގައުމުގެ މުއްސަނދިކަން ނުރައްކަލަށް ހުށަހަޅައިގެންނެވެ. ދިވެހިންގެ ކަނޑުން ބައެއް ގެއްލިގެން ދިޔުމަކީ ހަމައެކަނި އިގްތިސާދީ ގެއްލުމެއް ނޫނެވެ. އެއީ ގައުމުގެ ކަރާމާތަށް ދެވުނު ހަމަލާއެކެވެ. މިއަދު ސިޔާސީ ވެރިން އެ ދައްކަވާ "ދެފުށް ފެންނަ" ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދައްކާ ހުސް ވާހަކަތަކެކެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved