March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅާ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 28, 2026, 10:44 PM
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނެ ވަގުތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

Advertisement

މި ބަދަލު ގެނެސްފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް އިދިކޮޅު އެމްޑީޕީން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީން ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ކުރުވުމުގެ ސަބަބުން ކެންޑިޑޭޓުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި އިއުލާނެއްގައިވާ ގޮތުން، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ފޯމު ބަލައިގަންނަ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ފެށިގެން ހަވީރު 05:30 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮމިޝަނުން ބުނީ މިގޮތަށް ވަގުތު އިތުރުކުރަން ނިންމީ، އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ކަމަށެވެ. މީގެ ކުރިން ފޯމު ބަލައިގަންނަމުން ދިޔައީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައެވެ.

މި އިންތިޚާބުތަކަކީ ރަށްރަށުގެ ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކެކެވެ. އިންތިޚާބާ ގުޅޭ އިތުރު ތަފްސީލުތައް އީސީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved