
ރާއްޖެ މިހާރު އޮތީ އެތަކެއް މައްސަލަތަކެއްގެ ތެރޭގައި ފުނިޖެހިފައި ކަމަށާއި، ގައުމު ހަމަމަގަށް އެޅުވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ގައުމެއްގައި ކޮރަޕްޝަނާއި، ފަސާދައާއި ވައްކަން އިންތިހާއަށް ގޮސް، ރައްޔިތުންނަށް ނުކަތާ ހިސާބަށް ދިއުމުން، އެ ގައުމެއް ހަމަމަގަށް އަޅުވަނީ ހަމަ ރައްޔިތުން ނުކުމެގެން ކަމަށެވެ. މިއީ ދުނިޔޭގެ ތާރީޚުންނާއި ފަހުގެ ހާދިސާތަކުން ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ބަންގްލަދޭޝްގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޖަމީލް ވިދާޅުވީ، 15 އަހަރު ވަންދެން ވެރިކަން ކުރެއްވި ޝެއިޚް ހަސީނާގެ އަރިސް މީހުން، އޭނާގެ ސިޓީ އުރަ ހުޅުވަން އުޅުނު މީހުންވެސް ލަންޑަނުން އެތަކެއް މިލިއަން ޕައުންޑުގެ ގެތައް ގަނެފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުއިރުކޮޅާ އިނގިރޭސިވިލާތުގެ ލީޑްސްއަށް ވަޑައިގަންނަވާ ކަމަށާއި، އެތަނުން ބިމެއް ގަންނަން އުޅޭ ކަމުގެ ތުހުމަތުތައް ކުރެވެމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"މިކަންކަމަކީ ހަމަ ތުހުމަތު ކުރެވޭ ކަންކަން. މިއީ ނުވާނެ ކަންކަމެއް ނޫން. ގައުމުގެ ހާލަތު ބަދަލުކުރަނީ ރިޓަޔާވެފައި ތިބި ބަޔަކު އައިސްގެނެއް ނޫން، ހަމަ އާންމު ރައްޔިތުން ނުކުމެ،" ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ބަލާލުމަށް އެދިވަޑައިގަންނަވަމުން ޖަމީލް ވިދާޅުވީ، ކަންކަން ހައްދުފަހަނަޅައި ދިއުމުން ރައްޔިތުން ނުކުމެ ބަދަލު ގެންނަ މަންޒަރު އެ ގައުމުންވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. ޖަމީލްގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުގެ މިސްރާބު ހުރިގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުން ހޭލާ ތިބުމަށް ގޮވާލެއްވިއެވެ.










