
ރާއްޖޭގައި ކޮރަޕްޝަންގެ ކަންކަން އިންތިހާއަށް ގޮސް، ގައުމުގެ ހާލަތު ބޯކޮޅުވަތަށް ދާކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި ކޮރަޕްޝަން މިއޮތީ މީގެ ކުރިން ދުވަހަކުވެސް ނުދާ ފަދަ ތާރީޚީ ރިކޯޑް ލެވެލްއެއްގައެވެ.
މަލީހްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން ކޮށްދޭންޖެހޭ ކުޑަކުޑަ ކަމެއްގައި ވެސް "މޭޒުން ދަށުން" ފައިސާ ދޭންޖެހޭ ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހައްދުން ނެއްޓިފައިވުމުގެ ސަބަބުން ގައުމުގެ ހާލަތު ބޯކޮޅުވަތަށް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ، މިހާރުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް އޭނާ ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
މަލީހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަންގެ ވަބާ މިހާ ބޮޑަށް ފެތުރިގެން ދިއުމަކީ ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ އަދުލުވެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކަންކަން ނިންމުމުގައި އަމިއްލަ މަންފާ އިސްކުރުން އާންމުވެފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މި ހާލަތު ބަދަލުނުކުރެވިއްޖެ ނަމަ، އާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ހޯދުމުގައި އިތުރު ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.










