theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ހިފެހެއްޓުނީ ޑޮލަރެއްނޫނެވެ. ރައްޔިތުންގެ މުހުތާދުތަކެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ރިޔާސީ ބަޔާން އިއްވާއިރު ޤައުމު އޮތީ ބަނަވިލާގަނޑެއްގެ ތެރޭގައި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
01 ފެބްރުއަރީ 2026
މާލެ ސިޓީ

އަންނަ ބުރާސްފަތި ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.

ނަމަވެސް، މި މުހިންމު ދުވަހާ ދިމާކޮށް ޤައުމުގެ ސިޔާސީ އަދި އިޖުތިމާޢީ މަޝްރަޙަށް ނަޒަރު ހިންގާލާއިރު ފެންނަނީ ނުހަނު މާޔޫސްކުރުވަނިވި މަންޒަރެކެވެ. "ބަހާއި އަމަލު ދިމާނުވެ، އަތްމަތި ދަތިވެފައިވާ" މި ދަނޑިވަޅުގައި، ފާއިތުވި އަހަރަކީ ދިވެހި ތާރީޚުގައި ކަޅު އަކުރުން ފަވާލެވޭނެ އަހަރެކެވެ.

ފާއިތުވި އަހަރަށް ބަލާއިރު، ސަރުކާރުގެ ތެރެއިން ފެނިގެންދިޔައީ އިންތިހާއަށް ކޮރަޕްޝަނާއި ފަސާދައިގެ ވަބާ ފެތުރިގެން ދިޔަ މަންޒަރެވެ. ދައުލަތުގެ ޚަޒާނާއަކީ "ވަކި ބައެއްގެ މުދާގަނޑެއް" ކަމަށް ބަލައި، ރައްޔިތުންގެ ފައިސާއިން ހިންގި ބޮޑެތި ވައްކަންތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ މައިބަދަ ވަނީ ބިންދައިގެން ގޮސްފައެވެ. "ވެރިކަމުގެ ދަހިވެތިކަމުގައި ހިންގި މި ޖަރީމާތަކުގެ" ސަބަބުން، އާންމު ރައްޔިތުންގެ ދިރިއުޅުން މިއަދު ވަނީ ހާލުގައި ޖެހިފައެވެ.

މީގެ އިތުރުން، ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންގެ އަގަ ބަންދުކުރުމަށް ސަރުކާރުން ވަނީ ނުހަނު ބޮޑަށް މަސައްކަތް ކޮށްފައެވެ. ސަރުކާރުގެ ނޭދެވޭ އަމަލުތައް ހާމަކުރާ މީޑިއާތަކަށް ބިރުދެއްކުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. "މޫނުބަލާ ލޯގަނޑުން ފެންނަ ސޫރަ ހަޑިވުމުން، ލޯގަނޑު ތަޅާލުމަކީ" ހައްލެއް ނޫންކަން ގަބޫލުކުރުމުގެ ބަދަލުގައި، ސަރުކާރުން އިޚުތިޔާރުކުރީ ހުދުމުޚުތާރު އުސޫލުތަކެވެ.

ހަމައެއާއެކު، ގައުމުގެ އެންމެ މަތީ ގާނޫނު، ގާނޫނުއަސާސީއަށް ސަރުކާރުން ބޭނުންވި ކޮންމެ ވަގުތަކު އަތްބާނައި، ހިތުހުރި ގޮތަކަށް ބަދަލުތައް ގެނައީ ރައްޔިތުންގެ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ ސިޔާސީ މަންފާއަށް އިސްކަންދީގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން، ގާނޫނުތަކުގެ ރޫހު ކަރަށް ފިތާލުމަކީ ގައުމުގެ އިސްތިގުލާލަށް ދެވުނު ބޮޑު ހަމަލާއެކެވެ.

އަންނަ ބްރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަކީ "ދުލުން ކިތަންމެ ފޮނި މާމުއި އޮއްސި ނަމަވެސް، އަމަލުން އޭގެ ހިތިކަން" ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި އިއްވޭ ބަޔާނެކެވެ. ގައުމުގެ ހިންގުން މިހާރު އޮތީ "މިސްރާބު އޮޅިފައިވާ އޮޑިއެއްގެ" ހާލަތުގައެވެ. ރައްޔިތުން މިއަދު އެދެނީ ހަމައެކަނި ރީތި ބަސްތަކެއްގެ ބަދަލުގައި، އިންސާފާއި ހަމަހަމަކަން ގާއިމުވެފައިވާ، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ދައުލަތެކެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ، މި ސަރުކާރުން ގައުމު މިސްރާބު ކުރަމުންދަނީ އަނދިރި އަދި ބިރުވެރި މުސްތަގުބަލަކާ ދިމާލަށް ކަމެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved