March 20, 2026
Advertisement
މުއިއްޒު އަދި މޯދީ
މުއިއްޒު އަދި މޯދީ / ތޭރަ އޮންލައިން

އިންޑިއާގެ ބަޖެޓުން ރާއްޖެއަށް ދޭ ބިލިއަނެއްހާ ރުފިޔާ: ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 2, 2026, 03:39 PM
މާލެ ސިޓީ

އިންޑިއާ ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި ރާއްޖެއަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ (400 ކުރޯޑް ރުޕީސް) ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

Advertisement

އިންޑިއާއިން މިފަދަ ބޮޑު ޢަދަދެއް ރާއްޖެއަށް ކަނޑައަޅާފައިވާއިރު، މި ފައިސާގެ ބަދަލުގައި ސަރުކާރުން ގުރުބާން ކުރަނީ ރާއްޖޭގެ ކޮން މަސްލަޙަތެއްތޯ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޚާއްޞަކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ގައުމީ މިނިވަންކަން އިސްކުރާނެ" ކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު، އިންޑިއާގެ ނުފޫޒު ވަދެވޭ ގޮތަށް މިފަދަ އެހީތައް ގަބޫލުކުރުމަކީ ގައުމުގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅިދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އިންޑިއާއިން އަބަދުވެސް ރާއްޖެއަށްދޭ އެހީތަކަކީ އޭގެ ނަހަމަ ބޭނުން ހިފައި، ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތްބާނައި، ރާއްޖޭގެ މައްޗަށް އަތްގަދަކުރަން ކުރާ ކަމެކެވެ. "އެއް ބިލިއަން ރުފިޔާގެ ބަދަލުގައި އަހަރުމެންގެ ކަނޑުފަޅުތަކާއި، މިނިވަންކަން އިންޑިއާއަށް ދޫކޮށްލަނީތޯ؟ ނޫނީ ސަރުކާރުން އެއްބަސްވެފައިވަނީ ކޮން ސިއްރު ޝަރުތުތަކަކަށްތޯ؟" މިއީ މިއަދު އާންމުންގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ސާފު ތަފްސީލެއް ދީފައި ނުވާއިރު، އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އަލުން ގަދަވުމަށް ސަރުކާރުން ފުރުޞަތު ދެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގައުމީ ސަލާމަތާއި މިނިވަންކަމަށްވުރެ މާލީ އެހީ އިސްކުރުމަކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، މި ފައިސާއާއެކު އިންޑިއާގެ ސިފައިންނާއި ޖާސޫސީ އިދާރާތަކަށް ރާއްޖޭގައި ފުރުޞަތު ފަހިވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved