
ދިވެހިރާއްޖެ ވަނީ ދަރަީގެ ދަންތުރައެއްގައި ބަނދެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ސަރުކާރުން، ފައިސާ އަނބުރާ ދައްކާ ގޮތަށް، ސުކޫކް ނުވަތަ ބޮންޑު ވިއްކައިގެން ފައިސާ ހޯދުމަށް ފަހު، ދަރަނި ދެއްކުމަށް ލޯނު ނަގަން ނިންމާފައިވާ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ނަޝީދު އެމނިކުފާނުގެ އެކްސްގައި ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެއް ކަމަށެވެ.
އެެހެންކަމުން ބޮޑު އިންޓްރެސްޓު ރޭޓުގައި ދަރަނި ނަގައިގެން، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށްވާނަމަ އެ ކަމުން ހާމަވަނީ ރާއްޖެ، ދަރަނީގެ ދަންތުރައިގައި ރަނގަޅަށް "ބަނދެވިފައިވާކަން" ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެޕްރިލ މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެތައް ފަސެންޓެއް ބޮޑުކޮށް، 350 މިލިއަން ޑޮލަރުގެ ލޯނެއް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގަން ހުށަހަޅާފައިވާކަން ވަނީ ހާމަވެފައެވެ.
ދަރަނީގެ މައްސަލައިގައި ރައީސް ނަޝީދުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދެމެހެއްޓުމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ ފައިނޭންސިން ހޯދަން ދަތިވާނެކަން ފާހަގަކޮށްލެވެއެވެ.










