March 21, 2026
Advertisement
ހައިކޯޓް
ހައިކޯޓް / ޖޭއެސްސީ

ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރާތީ ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި: ޑރ. ޖަމީލްގެ ފާޑުކިޔުން ސަރުކާރަށް

Yana Shareef
ޔާނާ ޝަރީފް
Feb 3, 2026, 06:25 AM

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރުމާ ދެކޮޅަށް ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

Advertisement

މި މައްސަލަ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕީއެންއެފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ތާއިދު އޮތްކަން ހާމަކުރުމަށް 50 މީހުންގެ ތާއިދު ހޯދުމަށް އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ހޯދުމަށް އަންގާފައި ވަނީ، އިންތިޚާބަށް އެ މީހުން ކުރިމަތިލުމުގެ ހައްގު އުނިކުރުމަށް ކަމަށެވެ.

އެހެންވެ، އޭނާ އެދިވަޑައިގެންފައި ވަނީ، އެ ކަމަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވުމަށެވެ. އަދި، ގާނޫނާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން އަމުރުކޮށްދިނުމަށެވެ.

އެހެންނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ވަނީ ނިންމަވައިފައެވެ.

ހޫރުޝިދާގެ ނިންމެވުމުގައި ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން، މައްސަލަ ހުށަހެޅި ފަރާތުގެ މާއްދާތަކާ ޚިލާފުވާ ކަމަށް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައިނުވާތީ ކަމަށެވެ.

ޑރ،ޖަމީލް ވިދާޅުވީ ރާއްޖޭގައި މިއަދު ގާނޫނު އަސާސީގެ ދަށުން ހުވާކޮށްގެންތިބެ 142 ވަނަ މާއްދާގައި ބުނާފަދަ ވަކި ފަރާތަކަށްނުޖެހޭ ޖުޑިޝަރީ އެއް ނެތްކަން މިއަދު ހާމަވެއްޖެކަމަށެވެ.

ކޯޓްތަކަކީ މިހާތާކުން ތާކުނުޖެހޭ ބަޔަކަށް ވުމީ މުޅިދައުލަތް ފެއިލްވުންކަމަށާއި ކިތަައްމެ ވަރަކަށް ޒާތްޒާތުގެ ވޯކްޝޮޕްތައް ބޭއްވިޔަސް ފެންނަނީ ރައީސް ޑރ. މުއިއްޒުގެ ބާރު ޖުޑިޝަރީ މައްޗަށް ވެރިވެފައި އޮތްމިންވަރުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ބޭނުންވި ގޮތަށް އީސީ އަދި ހައިކޯޓުން އަމަލު ކުރަމުން އަންނަކަމަށާއި ގާނޫނުގައި އޮތްގޮތަށް އަމަލު ނުކުރާކަމީ މިއަދުގެ ފެންނަން އޮތް ހަގީގަތްކަމަށް ވިދާޅުވެ ޑރ.ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved