
އީރާން ކައިރީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ހަރަކާތްތައް ބެލުމަށް ޗައިނާއިން ސަވޭލަންސް ނުވަތަ ޖާސޫސީ މަނަވަރެއް އެ ސަރަހައްދަށް ފޮނުވައިފިއެވެ.
ބެއިޖިންއިން މި ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގައި އެމެރިކާއިން އިތުރުކުރަމުންދާ އަސްކަރީ ބާރުތަކާއި، އެ ގައުމުގެ ހަރަކާތްތައް ވަރަށް ގާތުން މޮނިޓަރު ކުރުމުގެ ބޭނުމުގައެވެ. ޗައިނާއިން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ފާރަލުމަށްޓަކައި އެންމެ ޒަމާނީ ސެޓެލައިޓްތަކާއި ކަނޑުގެ އަސްކަރީ އުޅަނދުތައް ބޭނުންކުރަމުންނެވެ.
މިކަމަކީ ބައިނަލްއަގުވާމީ މަސްރަޙުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ. އެމެރިކާގެ އަސްކަރީ މަނަވަރަށް ފާރަލުމަށް ޗައިނާއިން މަނަވަރެއް ބޭއްވުމަކީ، ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެހެން ބާރުތަކުން ކުރާ މަސައްކަތްތައް ބެލެހެއްޓުމަށް ބެއިޖިންއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރި ކަމެކެވެ.
މި ސަރަހައްދުގައި އެމެރިކާގެ ހަރަކާތްތައް އިތުރުވަމުންދާތީ، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ލޯހުޅުވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ޗައިނާގެ ދިފާއީ މާހިރުން ފާހަގަކުރެއެވެ.










