March 22, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

މުއިއްޒުގެ ސިޔާސަތުތަކުން ގައުމު ނުރައްކަލަށް: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 4, 2026, 11:52 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަކީ އެއްވެސް ހަރުދަނާ ވިސްނުމެއް ނެތް، އަދި ބަހާއި އަމަލާ ދިމާނުވާ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުން މިއަދު ވިސްނަންވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ގޯސްކަމުގެ މައްޗަށް ކަމަށެވެ. ވަކިން ހާއްސަކޮށް، ފައިސާ ޗާޕު ނުކުރާނެ ކަމަށް ހަރުއަޑުން ވިދާޅުވުމަށްފަހު، 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ރައީސްގެ އިތުބާރު ނެތްކަން ހާމަވާ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ ޕެންޝަން އޮފީހުގެ ޗެއާމަން އާއި ސީއީއޯ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.

ޑރ. ޖަމީލްގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ސަރުކާރުން ވެފައިވާ ކުދި އަދި ބޮޑެތި އެއްވެސް ވައުދެއް މިހާތަނަށް ހިފެހެއްޓިފައި ނުވާ ކަމަށެވެ. އަދި މިއަދު ޕެންޝަން އޮފީހުގައި ތިއްބެވި ހަރުދަނާ، އުސޫލުތައް ހިފަހައްޓަވާ ބޭފުޅުން އިހުތިޖާޖުކޮށް އިސްތިއުފާ ދެއްވަމުން ގެންދަވާ ދިއުމަކީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ވަރަށް ސީރިއަސް މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުން މަގުމަތިކޮށްލުމަކީ ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަކުރައްވަމުން، ޑރ. ޖަމީލް ވިދާޅުވީ މިއީ އެތަކެއް ނަޒަރަކުން ބަލާއިރު ބޮޑު "ކްރައިމެއް" ނުވަތަ ކުށެއް ކަމަށެވެ.

"ވިސްނަންވީ ރައްޔިތުން! ވިސްނަންވީ މުއިއްޒުގެ އިޚްލާސްތެރިކަމެއް ނެތް މިންވަރު! ވިސްނަންވީ މުއިއްޒު ހިފާފަހުރި ނުރައްކާތެރި މިސްރާބާމެދު،" ޑރ. ޖަމީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މި ސަރުކާރުގެ ހިންގުމުގެ ނިޒާމަށާއި އިގްތިސާދީ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވަމުންދާ މި ދަނޑިވަޅުގައި، ޑރ. ޖަމީލް ވަނީ ރައީސް މުއިއްޒުގެ އިޚްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ، ގައުމު މިހާރު ދަތުރުކުރަމުންދާ މިސްރާބާ މެދު ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved