ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، އަނެއްކާވެސް އައު ތާރީޚެއް ދެއްވައިފިއެވެ. މިއަދު އިއްވި ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ، އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހު، އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، "ރެކޯޑު" ހެއްދެވުމުގެ ނިޔަތުގައި ބޭއްވި ދިގު ޕްރެސް ކޮންފަރެންސަށްފަހު، ރައީސް އޮފީހުގެ މީޑިއާ ރޫމުން ރައީސް މުއިއްޒުގެ ފެނިލުމެއް ނުލިބި މިއަދަށް މިވަނީ 278 ދުވަސް ފާއިތުވެފައެވެ. އެ ދުވަހު މީޑިއާތަކަށް ދެއްވި ޔަގީންކަމަކީ ގިނަގިނައިން އަދި އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގެ ވައުދެވެ. ނަމަވެސް، އަމަލީ ގޮތުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ، ނޫސްވެރިންގެ ބައްދަލުވުންތައް އަލުން ފައްޓަވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރުންނަށް ވެސް ހަފްތާއަކު އެއް ދުވަހު ނޫސްވެރިންނާ ބައްދަލުކުރުމަށް އަމުރުކުރައްވާފައެވެ. މިކަމުގެ ތާވަލު ރައީސް އޮފީހުން އާންމުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، މިއީ ކުރިންވެސް ވެވަޑައިގެންފައިވާ ފަދަ "ފޮނި" ވައުދަކަށް ވެދާނެތީ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ވެރިކަމުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، މިހާތަނަށް ރައީސް ބާއްވާފައިވަނީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ޑިސެމްބަރު 5، 2023 ގައި ބޭއްވުމަށްފަހު، ދެން އައި ބައްދަލުވުމަށް 515 ދުވަހުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. މި ތާރީޚުތަކަށް ބަލާއިރު، އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވުމަކީ ނޫސްވެރިންގެ ހިތްތަކުގައި ޝައްކު އުފެދޭ ކަމެކެވެ. ރައީސްގެ މި އައު "ވައުދު" ފުއްދަވާނެތޯ ނުވަތަ މިއީވެސް ހަމައެކަނި ރިޔާސީ ބަޔާނުގައި ހިމަނާލި ޖުމްލައެއްތޯ ބެލުމަށް ނޫސްވެރިން ތިބީ މާޗު މަހަށް އިންތިޒާރުކޮށްގެންނެވެ.