March 25, 2026
Advertisement
-
- / ރައީސް އޮފިސް

ގައުމުގެ ހާލަތު އޮތީ ނުރައްކަލެއްގައި، މުއިއްޒު ހަދަނީ ހުސް ދޮގު: ޑރ. ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 5, 2026, 11:28 PM
މާލެ ސިޓީ

ގައުމުގެ އާންމު ހާލަތު އިންތިހާއަށް ނިކަމެތިވެ، ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް ބަރަކާތްތެރި ރަމްޟާން މަސް އޮތްއިރު ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށާއި، ނަމަވެސް އެ ވާހަކަ ދައްކާނެ ފަރާތެއް ނެތް ކަމަށެވެ. އަދި ރަސްމީ ރޭޓުގައި ހިފަހައްޓާނެ ކަމަށް ވައުދުވި ޑޮލަރުގެ އަގު މިއަދު ބާޒާރުގައި 20 ރުފިޔާއަށް އަރާފައިވާއިރު، ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެ މިއަދު ދަނީ ފައިސާ ޗާޕުކުރަމުން ކަމަށްވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ދައުލަތުގެ ރިޒާވްގައި 1 ބިލިއަން ޑޮލަރު ހުރި ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. ރިޒާވްގައި ފައިސާ ހުރިނަމަ ބޮޑު އަގުގައި ލޯނު ނަގައިގެން ދަރަނި ދައްކަން ނުޖެހޭނެ ކަމަށާއި، މިހާރު ފެންނަމުންދަނީ ދަރަނި ނުދެއްކިގެން އިތުރު ލޯނުތައް ހޯދަމުންދާ މަންޒަރު ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ރަށެއްގައި ތަރައްގީގެ އެންމެ މަޝްރޫއެއްވެސް ކުރިއަށް ނުދާ ކަމަށާއި، އާސަންދަ އާއި ބޭސްކޮޅު ނުލިބި ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކެއް ބަނގުރޫޓްވަމުންދާ ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

"ތަކުރާރުކޮށް ނުކުރެވޭވަރުގެ ކަންތައްތަކުގެ ވާހަކަ ވެރިޔަކު މިގޮތަށް ދެއްކުމަކީ ނުރައްކަލުން ފުރިގެންވާ ކަމެއް. ގައުމުގެ ރައްޔިތުން ހާލުގައި ޖެހި، ގައުމު އަނދަވަޅަކަށް ވެއްޓޭނެ ކަމެއް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒާ މެދު ފާރަވެރިވެ، ކުރީގެ ރިޔާސީ ބަޔާނުގައި ހުރި ކަންތައްތައް ފުއްދައިދެވުނު މިންވަރެއް ބެލުމަކީ ޒިންމާދާރު ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved