
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، ފާއިތުވި ހަފުތާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މި ބަލި ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ އެޖެންސީން ފާހަގަކުރެއެވެ.
ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތައް:
މި ބަލި އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެތީ، އެފަރާތްތަކުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުންވެސް އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެ ނަމަ ގިނަގިނައިން ލޮނުޕެކެޓު، ސޫޕް، ކުރުނބާފެން ފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް އިރުޝާދުދީފައެވެ.
އަދި ބޭރަށް ހިންގުން އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވެ އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.










