އެމެރިކާގެ މަޝްހޫރު ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އޮތް ގުޅުމާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފް ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމެރިކާގައި ކުޑަކުދިން ރޭޕްކުރުމާއި، އެ ކުދިންނަށް އިންތިހާ ދަރަޖައިގެ އިހާނެތި އަމަލުތައް ހިންގި މީހުންނާ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ގާތް ގުޅުމެއް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް، ޑރ. ވަހީދުގެ ރިޔާސީ ދައުރުގެ ތެރޭގައި މިފަދަ ނުރައްކާތެރި މީހުންނާ ގުޅުން އުފައްދައިގެން ކަންކަން ކުރެއްވި ކަމުގެ މައުލޫމާތުތައް ފެންމަތިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ ހަގީގަތްތައް ހާމަވަމުންދާއިރު، ސަރުކާރުން ކިތަންމެ ވަރަކަށް މައުލޫމާތު ސެންސަރުކުރަން އުޅުނަސް، ރައީސް މުއިއްޒަށް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކޮށް މިފަދަ ސިއްރުތަކާއި ހަގީގަތްތައް ފަޅާއަރަމުންދާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި "އެޕްސްޓީން ފައިލްސް" ތަކުގައި ރާއްޖެއާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހުރިކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ ކަންކަމުގައި ޝާމިލުވުމަކީ ގައުމުގެ އަބުރަށް ލިބޭ ވަރަށް ބޮޑު ހުތުރެއް ކަމަށެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންނަށް ހަގީގީ މައުލޫމާތު އެނގެންޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ. ރައީސް ވަޙީދަކީ މިހާރުގެ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަޤާމަށް އައްޔަނުކޮށްފައިވާ ބޭފުޅާއެވެ.