March 25, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ދޮގު ހަދަންވެސް ހައްދެއް އޮންނަންޖެހޭ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 6, 2026, 07:55 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ހިމެނޭ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު ހުރި ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. މަލީހް ވިދާޅުވި ގޮތުގައި، ރިޒާވްގައި އެވަރުގެ ޢަދަދަކަށް ފައިސާ ހުރިނަމަ، 14 އިންސައްތައިގެ ބޮޑު އިންޓްރެސްޓެއްގައި ސުކޫކު ބޮންޑު ރިފައިނޭންސް ކުރަން ނުޖެހޭނެއެވެ.

މީގެ އިތުރުން، ޤައުމުގެ ވަސީލަތްތަކުން އަމިއްލަ ޖީބު ބޮޑުކުރާ ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ދެއްވަމުން މަލީހް ވިދާޅުވީ، ޤައުމު ލޫޓުވާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރެއްވުމަށެވެ.

ޚާއްޞަގޮތެއްގައި މާލެ އަތޮޅު އެތެރެވަރީގެ ފަޅުތަކުން ވެލި ނެގުމުގެ މަޝްރޫޢުތަކަށް އިޝާރާތް ކުރައްވައި މަލީހް ވިދާޅުވީ، 60 މީޓަރު އަޑިން ދޮންވެލި ޕަންޕުކޮށްގެން ނަގާއިރު، އޭގެ ކޮންމެ ކޮޑި މީޓަރަކުން 2 ޑޮލަރު އަމިއްލަ ޖީބަށް ލަމުންދާ ކަމަށެވެ. މިއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ބުނަމުންދާއިރު، މަލީހްގެ މި ފާޑުކިޔުންތަކުން ދޭހަވަނީ ސަރުކާރުގެ ހާމަކުރުންތަކާއި އަމަލީ މަސައްކަތްތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރި ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved