
ސިހުރުހާހޫރައަކީ މީހާ އިސްލާމްދީނުން ބޭރުވެ، އީމާންކަން ފުނޑުފުނޑުކޮށްލާ ފަދަ ނުރައްކާތެރި ޝިރުކުގެ ޢަމަލެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރުވެރިއަކަށް ވެވެނީ ޝައިޠާނާއަށް ކިޔަމަންވުމަށް ޢަހުދުކަށަވަރު ހިފައި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމާއި ނަޖިސް ތަންތަނުގައި އުޅުން ފަދަ ބޮޑެތި ފާފަތަކަށް އަރައިގަނެގެންނެވެ. ސިހުރަކީ އޭގައި ޙަޤީޤަތެއްވާ ކަމެއްކަން ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާކަން ފާހަގަކުރައްވައި، ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް މީހާ ކާފިރުވާ ފަދަ ބޮޑު ފާފައެއްކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
"ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ،" މާތް ﷲގެ ވަޙީބަސްފުޅަކާ ޙަވާލާދީ ޚުޠުބާގައި ބުނެފައިވެއެވެ. އަދި ސިހުރުވެރިންނަކީ ބިން ފަސާދަކުރާ ބައެއް ކަމަށާއި، އެފަދަ މީހުންގެ ގާތަށް ކަންކަމު ދިއުމާއި، އެމީހުން ބުނާ ބަސް ޤަބޫލުކުރުމަކީ ރަސޫލާ ﷺ ނަހީކުރައްވާފައިވާ ކަމެއްކަންވެސް ފާހަގަކުރިއެވެ. ކާހިނެއްގެ ގާތަށް ގޮސް ސުވާލުކުރާ މީހާގެ ނަމާދު 40 ދުވަސް ވަންދެން ޤަބޫލުނުކުރެވޭނެ ކަމުގެ އިންޒާރުވެސް ޚުޠުބާގައި ދީފައިވެއެވެ.
ފަރުވާ ހޯދުމުގެ ނަމުގައި ސިހުރުވެރިންގެ ގާތަށް ދިއުމުގެ ބަދަލުގައި، ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ. ޝަރުޢީ ރުޤުޔާއަކީ ޤުރްއާނުގެ އާޔަތްތަކާއި ސުންނަތުން ސާބިތުވާ ދުޢާތަކުން ކުރެވޭ ފަރުވާއެއް ކަމަށާއި، އޭގައި އެއްވެސް ފޮރުވިފައިވާ ސިއްރު ކަންތައްތަކެއް ނުހުންނާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ކޮންމެ ނިޢުމަތަކާއި މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ޤަބޫލުކޮށް، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށާއި، ގޭތެރޭގައި ސޫރަތުލްބަޤަރާ ކިޔެވުން ގިނަކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. މިއީ ސިހުރުގެ ނުރައްކަލުންނާއި ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނަ ކަމުގައިވެސް ޚުޠުބާގައި ބަޔާންކުރިއެވެ.










