މިއަދު ގައުމުގެ ވެރިކަމުގައި ތިބީ އިންތިހާބުތަކަށް ކަޑަ ޖަހަން ވައުދުވެ އެ ކަޑަތައް ފީވަމުންދާއިރުވެސް ވައުދު ނުފުއްދާ ބައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ފައިސާ ޗާޕުނުކުރާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށް ފަހު މިހރު ގައުމުގެ އިގްތިސޯދާ ދަރަނި މެނޭޖުކުރަން ނޭނގި ދަރަނި ދައްކަން ދަރަނި ނަގަން އުޅެނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެވިފައިވާތީ ކަމަށެވެ.
ޕެންޝަން ފަންޑު ތެރެއިން އެމްއެމްއޭއަށް 2.4 ބިލިއަން ދައުރު ކޮށްގެން އެމްއެމްއޭ ތެރެއިން އެ ފައިސާ ނެރެ ފިނޭންސް މިނިސްޓްރީގެ ލޯނު ދައްކަން ދައުރުކުރުވުމަކީ މަނީ ލޯންޑަރިން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ޕެންޝަން އޮފީހުގައި ތިއްބެވި އިލްމީ ބޭބޭފުޅުން އިސްތިއުފާ ދެއްވަނީ އެކަންކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން އަތޮޅު ތެރޭގެ ރައްޔިތުންނަށް މަޖިލިސް އިންތިހާބާ ދިމާކޮށް ވެފައިވާ ވައުދުތައްވެސް އަދިވެސް ނުފުއްދި ހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިއީ އިންތިހާބުތަކަށް ކަޑަ ޖަހާ އެ ކަޑަތައް ފީވަމުންދާއިރުވެސް ވައުދުތައް ނުފުއްދޭ ބައެއް ކަމަށާ އެވަރު ބަޔަކަށް ވަކި ކައުންސިލް ދިނުމަކުން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ ރައީސް މުއިއްޒު ގައުމަށް ތަރައްގީ ގެނެސްދެއްވި މޭސްތިރިޔާގެ ގޮތުގައި އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ސިފަކުރެއްވިއިރު މިއަދު ރައީސްކަމުގައި ހުންނަވާ ހުރިހާ އާރަކާ ބާރެއް މުށުތެރޭގައި އޮވެމެ ދެ އަހަރުވެގެން ދިޔައިރު ތަރައްގީގެ ގައުފަޅިއެއްވެސް ނޭޅިގެން އުޅޭ ސަބަބާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.