
ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ، ގައުމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ޖެނެރަލް ސެކްރަޓަރީ މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ފާޑުވިދާޅުވީ، ރާއްޖޭގައި ކައްކާ ގޭހުގެ ސްޓޮކް ދަށްވެ، ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކަން ފެށުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މަލީހް ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު މިހާ ދަށަށް ދިޔައީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާއި، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނާގާބިލުކަމުގެ ސަބަބުންނެވެ.
މަލީހްގެ ޕޯސްޓުގައި ރައީސް މުއިއްޒަށް އަމާޒުކުރައްވައި ވިދާޅުވީ، ގައުމު ހިންގުމުގައި ރައީސް މުއިއްޒު ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އަސާސީ ހިދުމަތެއް ކަމަށްވާ ކައްކާ ގޭސް ފަދަ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުން ގޭސް ލިބުމުގައި ދަތިތަކެއް އުޅޭ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާ މިދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.










