April 14, 2026
Advertisement
.
. / މިހާރު

ސަރުކާރު ބަދަލުވިޔަސް ސިޔާދު އެމް.އޭ.ސީ.އެލް ބޯޑުން ބޭރެއް ނުވޭ: މިއީތޯ ފަޤީރުކަމަކީ؟

Yana Shareef
ޔާނާ ޝަރީފް
Feb 15, 2026, 07:52 AM

ޖުމްހޫރީ ޕާޓީގެ ކެމްޕޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަކީ "ފަޤީރު" ބައެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.

Advertisement

ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު، އަމިއްލަ ފައިދާއާއި ސިޔާސީ ނުފޫޒުގެ ބޭނުން ހިފައިގެން އާއިލީ މަސްލަހަތު ކުރިއަށް ނެރުއްވާ ކަމަށް ތުހުމަތުކުރަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ނިކަމެތިކަމުގެ ވާހަކަ ދެއްކެވުމަކީ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އިޚްލާޞްތެރިކަމެއް ނެތް، "ޖޯކު" ވާހަކައެކެވެ.

ޚާއްޞަކޮށް، ޤާސިމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމަށް، ކޮންމެ ސަރުކާރެއް އައި ކަމުގައިވިޔަސް ދައުލަތުގެ އެންމެ މުހިންމު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) ގެ ބޯޑުން ޖާގަ ލިބިވަޑައިގަތުމަކީ، މި ފަޤީރުކަމުގެ ވާހަކައިގެ ފަހަތުގައިވާ ހަގީގީ މަންޒަރު ހާމަކޮށްދޭ ކަމެކެވެ.

އެމް.އޭ.ސީ.އެލްގެ ރަސްމީ ރެކޯޑުތަކުން ދައްކާގޮތުގައި، އިބްރާހީމް ސިޔާދު ޤާސިމް އެ ކުންފުނީގެ ބޯޑަށް އެންމެ ފުރަތަމަ އައްޔަންކުރެވުނީ 18 ޑިސެމްބަރު 2021 ގައެވެ. ރައީސް ޞާލިޙްގެ ސަރުކާރުން އޭނާއަށް ދިން މި ފުރުޞަތަކީ އޭރުގެ ކޯލިޝަންގެ ތެރެއިން ލިބުނު ސިޔާސީ ހަދިޔާއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ހައިރާންވާންޖެހޭ ކަމަކީ 2024 ވަނަ އަހަރާ ހަމައަށް އައިއިރު، ސަރުކާރު ބަދަލުވެ ބޯޑަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް ސިޔާދު އަދިވެސް ހުންނެވީ އެ މަޤާމުގައެވެ.

މިހާރުގެ ސަރުކާރުންވެސް އޭނާ ބޯޑުގައި ބަހައްޓާފައިވަނީ، ޤާސިމް އިބްރާހީމްގެ ސިޔާސީ ބާރުވެރިކަމުގެ ބޭނުން ހިފައިގެން، އަމިއްލަ ހާލައިގެން ނޫޅެވޭ ފަދަ "ނިކަމެތި" ހާލަތެއްގައި އާއިލާ އޮތުމުންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވިލާ ގްރޫޕްގެ އެންމެ އިސް މަޤާމުތަކުގައި ތިއްބަވައިގެން، ދައުލަތުގެ ކުންފުނިތަކުގެ ބޯޑު މެމްބަރުކަމުގެ ބޮޑު މުސާރައާއި އިނާޔަތްތައް ހޯއްދެވުމަކީ، ޤާސިމް އިބްރާހީމް ވިދާޅުވާ "ފަޤީރު ރައްޔިތުންނަށް" ލިބޭ ބޮޑު ދެރައެކެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުގެ ތެރެއިން މަގުފަހިކުރުމަށާއި، ކޮންމެ ވެރިކަމެއްގައިވެސް "ކިންގްމޭކަރު" ގެ ދައުރު އަދާކުރައްވައިގެން އާއިލާއަށް ބޮޑެތި މަޤާމުތައް ކަށަވަރުކުރެއްވުމަކީ، ރައްޔިތުންގެ އިޙްސާސްތަކަށްވުރެ ބޮޑަށް އަމިއްލަ ޖީބާއި ނުފޫޒު ކުރިއަށް ނެރުއްވުން ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved