
ޖުމްހޫރީ ޕާޓީގެ ލީޑަރި ގާސިމް އިބްރާޙިމު އަކީ ނަފްސުގެ އިހުތިރާމު ނެތް މީހެއްގެ ގޮތުގައި ޕީއެންއެފްގެ ރައީސް ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ސިފަކުރެެއްވީ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ ކަން ހާމަކުރައްވާ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީއެންސީއަށް ތާއީދުކުރަން ޕީއެންއެފަށް ނުޖެހޭ ކަމަށާ ތާއީދުކުރަން ޖެހޭ ވަރު ކަމެއް ނުވެސް ނެތް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ޕީއެންސީއަށް ސަނާ ކިޔާ އުޅޭ ސިޔާސީ މީހުންނަކީ އަމިއްލަ ފައިދާއަށް ސަނާ ކިޔާ ސަރުކާރު ޅޮސް އުނދޯއްޔަށް އަރުވަމުންދާ ބައެއް ކަމަށެވެ.
އެގޮތުން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމްއަކީ އެފަދަ މީހެއް ކަމަށާ އެއީ ސިޔާސީ މީހުންގެ ލިސްޓުގައި ވެސް ހިމެނޭ ވަރު މީހެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުން ލިބޭ ފައިސާކޮޅެއްގެ ބޭނުމުގައި ކައުންސިލް ގޮނޑިތައްވެސް ޕީއެންސީއަށް ދޫކޮށްލަން ގާސިމް ތައްޔާރަށް ހުރިއިރު އެއީ ނަފްސު ވިއްކާލުން ފަދަ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ކަންކަން ހިނގަމުންދަނީ ނުކިސިޔާރުކޮށް ކަމަށާ ކަންކަން ރަގަޅުކުރަން ސަރުކާރު ޖަވާބުދާރީ ކުރުވަން އެންމެން ވެސް ތެދުވަން ޖެހޭ ކަމަށެވެ.










