March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

ކައުންސިލް ނުދިނަސް ރިޔާސީ އިންތިޚާބުގައި ވޯޓު ބޭނުމިއްޔާ ޖެހޭނީ ރަށް ރަށަށް ބޭނުންވާ ކަންތައްތައް ކޮށްދޭން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 9, 2026, 07:06 PM
މާލެ ސިޓީ

ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ނުލިބުނު ނަމަވެސް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ބޭނުންވާނަމަ ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ހިންގަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ތަފާތު ބަހަނާތައް ދައްކަމުންދާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން ރަށްރަށަށް ވަރަށް ގިނަ ކަންތައްތައް ކޮށްދޭނެ ކަމަށް ބުނެ ވައުދުތައްވި ނަމަވެސް، އެކަންކަން ފުދިގެންދާ މަންޒަރު ނުފެންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދިނީ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ލިބިފައިވާއިރުވެސް ރައްޔިތުން އެދޭ ފަދަ ތަރައްޤީއެއް ނުފެންނަ ކަމަށާއި، މިހާރު އަނެއްކާވެސް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރީގެ ބާ މުސްކުޅި ވާހަކަތައް ތަކުރާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލް ނުލިބިގެން ކަންތައް ނުވަނީއޭ ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ އުޒުރެއް ނޫން. ރިޔާސީ އިންތިޚާބުގައި ވޯޓު ބޭނުމިއްޔާ ޖެހޭނީ ރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދޭން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގެ ބަދަލުގައި، ކޮންމެ އިންތިޚާބަކާ ދިމާކޮށް އާ ބަހަނާތަކެއް ދައްކައިގެން ވޯޓު ހޯދަން އުޅުމަކީ އިޚްލާޞްތެރިކަމެއް ނެތް އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ސަރުކާރުގެ އިސްވެރިން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved