ޑޮލަރުގެ އަގު ތިރިކުރަން ވައުދުވިތާ ވެސް ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އިހަކަށް ދުވަހު ގައުމުގެ ވެރިޔާ އިއްވި ރިޔާސީ ބަޔާނުގައި ވެސް ޑޮލަރުގެ ވާހަކަ ނުދެއްކެވި ސަބަބު މިއަދު ވަރަށް ވެސް ސާފެވެ. ކަޅު ބާޒާރުގައި ޑޮލަރު އުޅެނީ 20ރ އާއި 25ރ އާ ދެމެދުގައެވެ. ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދޭނެކަމުގެ އެތައް ހުވަފެނެއް ރައްޔިތުންނަށް ދެއްކީ އިންތިޚާބުތަކެއްގެ ދަހިވެތިކަމުގައެވެ.
ރިޔާސީ ރޭހުގައި ވާދަކުރި އިރުވެސް ޑޮލަރޭ ކިޔުއްވާފައި މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން ވެސް ޑޮލަރުގެ ވާހަކަ ދެއްކެވި ހަނދާން ރައްޔިތުން ނުނެތެއެވެ.
މިއަދު އެއީ މީގެކުރިން ދެއްކެވި ވާހަކައަކަށް ވެސް ހައްދަވައި ނުލައްވާ ރައީސް މީހާ އުޅުއްވަނީ ރައްޔިތުންގެ ފައިސާއިން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި އަވަދިނެތިއެވެ.
ވެރިން ރަސްމީ އަދި ނުރަސްމީ ދަތުރުތަކުގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ވާހަކަ އަބަދުވެސް ރައީސް އޮފީހުން ހާމަކުރެއެވެ. އެހެންނަމަވެސް ހާމަކަން ބޮޑުކަމަށް ދައުވާ ކުރާ ސަރުކާރު އައިފަހުން ހާމަކުރާ އެއްޗެހިވީ މަދެވެ.
އާދެ، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި ވާހަކަ ވެސް ރިޕޯޓުކުރީ މީޑިއާގައެވެ. އަދި ހޯމަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވާ ވާހަކަ ވެސް ރައީސް އޮފީހުގެ ކުރިން ރިޕޯޓުކުރީ މީޑިއާތަކުގައެވެ. މީހުންގެ ފާޑުކިޔުން އަމާޒުވުމުން އެންމެ ފަހުން ރައީސް އޮފީހުން މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވާ ވަާހަކަ އިއުލާނުކުރިއެވެ.
މައްސަލައަކީ ދަތުރުފަތުރު ކުރުމެއް ނޫނެވެ. މައްސަލައަކީ ގައުމުގައި ރައްޔިތުންގެ ފައިސާއިން އެތައް ކަމެއް ކުރެވެން ހުންނައިރު އެކަންކަން ބެހެއްޓުމަށްފަހު ރައްޔިތުންގެ ފައިސާއިން ބޮޑު ވަފުދަކާއެކު ހަރަދުބޮޑު ދަތުރުތައް ކޮށް އޭގެން އެއްވެސް ފައިދާއެއް ގައުމަށް ނުވުމެވެ.
ރައްޔިތުންނަކީ ގަމާރުންނެއް ނޫނެވެ. ދަރަނި ދެއްކުމަށް އަދިވެސް ގޮތެއް ހޯދިފައިނުވާއިރުވެސް ދަރަންޏޭ ކިޔައިގެން މޮޅެތި ވާހަކަ ދައްކާއިރު އަންނަަނީ ހިންޏެވެ. ދަރަނި ދެއްކުމަކީ އުނދަގޫކަމެކެވެ. ހާއްސަކޮށް މިދިޔަ އެމްޑީޕީ ވެރިކަމުގައި މުޅި ގައުމު ބަނގުރޫޓުކޮށްލިއެވެ. އެ ދަރަނި ދައްކާ "ސްޓޭބަލް" ގައުމަކަށް ހަދާނެކަމުގެ ވައުދާއެކު މުއިއްޒު ވެރިކަމަށް އައި ނަމަވެސް ދަރަނިތައް ދައްކަންޖެހޭ މުއްދަތު ދަނީ ލަސްކުރަމުންނެވެ. އެ ދަރަނި ދައްކާ ނިންމުމުގެ ބަދަލުގައި ދަރަނި ދައްކަން ބަޖެޓުގައި ހިމަނާފައިވާ ފައިސާއިން ވެސް ކުރަނީ ބޭކާރު ކަންކަމެވެ.
ގައުމުގެ ހާލަތު މިހާ ދަށްއިރު އެއް ގައުމުން އަނެއް ގައުމަށް ފަސްޓު ކްލާހުގައި ދަތުރުތައް ކޮށް ނެގުން މިއީ އެންމެ ރަނގަޅު ގޮތްތޯ؟