ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިއަށް ދިޔަ ނުހައްގު ޝަރީޢަތް ކުރިއަށްދިޔަ ދުވަސްވަރު އެމަނިކުފާނަށް ޚާއްޞަކޮށްފައި ބެހެއްޓި "ހުސް ގޮނޑި" އަށް ޚިޔާނާތްތެރިވި ބޭފުޅަކު، ދައުލަތުގެ ތިޖޫރީއަށް އަމާނާތްތެރިވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް މުޢިއްޒަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
މަލީހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން އެންމެ ގާތް ބޭފުޅުންނަށް އޮޅުވާލައި، ވެވަޑައިގެންނެވި ވަޢުދުތަކާ ޚިލާފުވި ފަރާތަކަށް ދައުލަތުގެ މާލިއްޔަތު ރައްކާތެރިކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ޚާއްޞަކޮށް ރައީސް ޔާމީން މިނިވަންކުރުމުގެ ނަމުގައި ވެރިކަމަށް ވަޑައިގެން، އެމަނިކުފާނަށް އިޚްލާޞްތެރިކަމެއް ނެތްކަން މަލީހް ވަނީ ފާހަގަކުރައްވާފައެވެ.
ހުސް ގޮނޑިޔަށް ޚިޔާނާތްތެރިވި ބޭފުޅަކު ދައުލަތުގެ ތިޖޫރީއަށް އަމާނާތްތެރި ވާނެ ކަމަށް ވިސްނައިގެން ނުވާނެ. pic.twitter.com/OSSv7v1QtY
— Mohamed Maleeh Jamal (@maleehjamal) February 10, 2026
މަލީހް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ފައިސާ ޗާޕުކުރުން ފަދަ ނުރައްކާތެރި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މީގެ އިތުރުން، ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ބޮޑެތި ޚަރަދުތަކުގެ ތަފްސީލު އާންމުނުކޮށް ސިއްރުކުރަމުންދާ ދިއުމަކީ ދެފުށް ފެންނަ ސިޔާސަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދަނީ، ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި އަމަލާ ދިމާނުވާތީ ކަމަށެވެ.