theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ލޯކަލް ކައުންސިލް އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުސަތު ހުޅުވާލައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 ފެބްރުއަރީ 2026
މާލެ ސިޓީ

ކުރިއަށް އޮތް އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިންތިޚާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ މަރުޙަލާތައް އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން 28 ފެބުރުވަރީ 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމާއި، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން ނުވަތަ މަދަނީ ޖަމްޢިއްޔާއެއްގެ ފަރާތުން ކުރިމަތިލާ ނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ވެގެން ނުވާނެއެވެ. އަދި އީސީގެ އެއްވެސް މަސައްކަތެއްގައި މިވަގުތު ހަވާލުވެހުރި މީހަކަށް ވެގެން ނުވާނެއެވެ.

އީސީން އިތުރަށް ބުނެފައިވަނީ، އޮބްޒާވަރުންނަކީ ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑަށް އެއްބަސްވާ، އަދި ފާއިތުވި 5 އަހަރު ތެރޭގައި އެފަދަ މިންގަނޑަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައި ނުވާ ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

ފޯމު ހުށަހެޅުމުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތަކީ:

  • ސިޔާސީ ޕާޓީތައް: 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް.

  • ޖަމްޢިއްޔާތައް: ޖަމްޢިއްޔާއިން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލްއިން.

  • އަމިއްލަ ފަރާތްތައް: އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް.

މި އިންތިޚާބުގައި އޮބްޒާވަރުންނަށް ފާސް ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ވެސް، ޖުމްލަ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ މިންވަރަށެވެ. އަދި ވޯޓުލާ މަރުކަޒެއްގައި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ފަރާތަކުންވެސް އެންމެ އޮބްޒާވަރަކަށެވެ.

އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ އޮބްޒާވަރުންވެސް ސުލޫކީ މިންގަނޑަށް ފުރިހަމައަށް ބޯލެނބުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved