ގައުމުގެ އިގްތިސާދީ ނާރެސް ބަލިކަށިވެ، ރައްޔިތުންގެ ޖީބުތައް ހުސްވަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑެތި ވަފުދުތަކާއެކު ކުރައްވާ އަގުބޮޑު ދަތުރުފުޅުތަކުގެ ދިފާޢުގައި "ގަރުދިޔަ މިނިސްޓަރު" އަލީ އާރިފް ތެދުވެއްޖެއެވެ.
ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި "ބަތާއި ގަރުދިޔަ" ކައިގެން ފުދިގެން ތިބުމަށް މީގެ ކުރިން އިރުޝާދު ދެއްވި އާރިފް، މިފަހަރު މަސައްކަތް ކުރެއްވީ ސަރުކާރުގެ އިސްރާފުތަކުގައި ކުލަޖެއްސެވުމަށެވެ.
އެގޮތުން ރައީސް މުޢިއްޒު އަތޮޅުތަކަށާއި ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ކޮންމެހެން ކުރަންޖެހޭ ދަތުރުތަކެއްގެ ގޮތުގައި އާރިފް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ ބޮޑު ސިފާހީއެއް ގޮވައިގެން ރަށްރަށަށް ވަޑައިގަތުމުގެ ބޭނުމަކީ "ރައްޔިތުންގެ ދަރުބާރު" ތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދާރީވުމެވެ.
ނަމަވެސް، އާންމު ރައްޔިތުން މިކަން ފާހަގަކުރަނީ "އިގްތިސާދީ ފުންކަނޑެއްގައި" ގައުމު އޮއްވައި ކުރާ ބޭކާރު އިސްރާފެއްގެ ގޮތުގައެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެން ހާލުބެއްލެވުމުގެ ނަމުގައި، ދައުލަތުގެ ޚަޒާނާއިން މިލިއަނުން ޚަރަދުކޮށްގެން ކުރާ މި ދަތުރުތަކަކީ ހަގީގަތުގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
އާރިފްގެ މި ދިފާޢީ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ، އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުން ބަތާއި ގަރުދިޔަ ކައިގެން ކެތްތެރިވާން ބުނި މިނިސްޓަރަކު، ސަރުކާރުގެ އިސްވެރިންގެ މުނިފޫހިފިލުވުމާއި ދަތުރުފަތުރަށް ކުރާ ބޮޑެތި ޚަރަދުތައް ބޮލުގައި އެޅުވުމަށް މަސައްކަތް ކުރާތީއެވެ. ރައްޔިތުންނަށް "ގަރުދިޔަ އާއި ބަތް" ކައިގެން ތިބުމަށް ގޮވާލިއިރު، ސަރުކާރުގެ ވަފުދުތަކުން މަތީ ފަންތީގެ ދިރިއުޅުމާއި ދަތުރުތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ "ދެފުށް ފެންނަ" ސިޔާސަތުގެ ދޯދިޔާކަން ހާމަވާ ކަމެކެވެ.
Idhikolhun bunaakamah vanee Sarukaaru jawaabudhaaree kuruvan voteh dheyshey. Noon noon, Ehen meehaku ekan kureythoa balaakah Ra’ees @MMuizzu madeh nukuravvaa, Vazeerunnaa MDs govaigen raajjeyge hurihaa rayyithun gaathah seedhaa vadaigen, rayyithunge dharubaarugai Ra’ees @MMuizzu…
— Ali Arif (@Ali__Arif) February 10, 2026
ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެ، މާލީ ނިޒާމު ބަނގުރޫޓުވުމުގެ ބިރު އޮތްއިރު، މިފަދަ ބޮޑެތި ވަފުދުތަކާއެކު ރައީސް ކުރައްވާ ދަތުރުފުޅުތަކަކީ އިގްތިސާދީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށް މާލީ މާހިރުންވެސް ދަނީ ވިދާޅުވަމުންނެވެ. އެހެންކަމުން، "ގަރުދިޔަ މިނިސްޓަރު" ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް، ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފުގެ ހިތި ރަހަ މިއަދު މުޅި ގައުމަށް ވަނީ ފެތުރިފައެވެ.