މާލެ ސިޓީ ކައުންސިލްގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ވެހިކަލް ފީއާ އެއްވަރުގެ ޚިދުމަތެއް ރައްޔިތުންނަށް ނުލިބޭކަމަށް ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު، މިހާރުގެ މޭޔަރު އާދަމް އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާއެެކު ބޭއްވެވި ކަންމަތީ ބައްދަލުވުމެއްގައެވެ.
ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި، ކައުންސިލަށް ލިބޭ އާމްދަނީގެ 60 އިންސައްތައަކީ ދުއްވާ އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި ނަގާ ފައިސާއެވެ. ނަމަވެސް، އެ ފައިސާ ނަގަމުންދާއިރު ވެހިކަލްތައް ޕާކުކުރާނެ އެކަށީގެންވާ ތަނެއް ނުދެއްކޭ ކަމަށާއި، އުޅަނދުތައް ދަތުރުކުރާނެ ރަނގަޅު މަގުތަކެއް ވެސް ގާއިމުކޮށްދެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެތެރެއިން ސަތޭކަ ފަންސަވީސް މިލިއަން ރުފިޔާ ލިބެނީ މި ދުއްވާ ސައިކަލުތަކާއި ވެހިކަލްތަކުގެ އަހަރީ ފީގެ ގޮތުގައި،، ވިސްނަވާ! އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ 60 އިންސައްތަ ލިބެނީ އަހަރީ ފީއިން އެކަމަކު ވެެހިކަލް ތައް ޕާކް ކުރާނެ ޖާގައެއް ނުދެއްކޭ" ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި ފެނިގެންދިޔައީ މަގުތަކުގައި ޖަހާފައި ހުރި ގާތައް އެއް ދިމާލުން ނަގައި އަނެއް ދިމާލަށް ބަދަލުކުރަމުންދިޔަ މަންޒަރު ކަމަށެވެ. އަދި އާ ގާ ޖެހުމުގެ ބަދަލުގައި، ބާވެފައި ހުރި ގާތައް އަލުން އަތުރަމުންދާތީ މަގުތަކުގައި އަނެއްކާވެސް ވަޅުގަނޑުތައް ހެދި، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުގައި، އޭނާ މޭޔަރުކަމަށް ހޮވިއްޖެ ނަމަ، ވަކި ކަމަކުން ނަގާ ފީއަކީ ސީދާ އެ ޚިދުމަތެއް ކުރިއަރުވައި ތަރައްގީކުރުމަށް ހޭދަކުރާނެ ފައިސާކަން ކަށަވަރުކޮށްދެއްވާނެއެވެ. ރައްޔިތުންގެ އަތުން ނަގާ ފައިސާއަށް ޒިންމާދާރުވާނެ ކަމަށާއި، އާމްދަނީއާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅުވާލުމުގެ ސަގާފަތް ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.