
އިންތިހާބާ ދިމާކޮށް ސިޔާސީ ގޮތުން އެއް ފިކުރެއްގެ މީހުންނަށް ވަޒީފާ ދީފައިވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް، މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު ވިދާޅުވެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އޮޑިޓުގެ ދާއިރާއިން ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި ޚިދުމަތް ކުރައްވާފައިވާ ޒަރިޔަންދު ވަނީ، "އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ސަރުކާރުން މީހުންނަށް ވަޒީފާ ދެއްވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުތިރާފުވެވަޑައިގެންފި" މި ސުރުޚީގެ ދަށުން "އަދަދު" ނޫހުގައި ޝައިއުކޮށްފައިވާ ޚަބަރު ހިއްސާކުރައްވާފައެވެ.
އެ ޚަބަރަށް އިޝާރާތްކުރައްވާ ޒަރިޔަންދު ވަނީ އެކި ފަރާތްތަކަށް ވަޒީފާ ދިނުމުގައާއި، އުޖޫރަ ކަނޑަ އެޅުމުގައާއި، އުޖޫރަ އިތުރު ކުރުމުގައާއި، ވަޒީފާގެ ޝަރުޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގައި، އެފަރާތެއް ސިޔާސީ ގޮތުން ގެންގުޅޭ ޚިޔާލުތަކާއި ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައި ތަފާތު ގޮތެއް ގެންގުޅުމަކީ މަނާކަމެއްކަމަށް ޤާނޫނު 2/2008 ގެ މާއްދާ 4 ން އެނގޭ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަކީ އެ ޤާނޫނު ހިނގާ ބައެއްކަމަށް ވާތީ، ސިޔާސީ މަންފާއެއް ލިބިގަތުމުގެ ނިޔަތުގައި ކެމްޕޭންތަކާއި ދިމާކޮށް އެފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތައް ދެނެގަނެ، އެ އަމަލަކީ "ދައުލަތުގެ މަޤާމެއް ނުހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް" ކަމަށް ވާނަމަ، އެ ފަރާތްތަކުން ހިންގާފައިވަނީ "ޔޫއެން ކޮންވެންޝަން އެގައިންސްޓް ކޮރަޕްޝަން" ގައި ކޮރަޕްޝަން ކަމަށް ބަޔާންކުރާ ކުށެއް (ޤާނޫނު 16/2019 މާއްދާ 31ޅ) ކަމުން އެންޓި ކޮރަޕްޝަން ކޮމިޝަންއިން މި މައްސަލަ ވަގުތުން ބަލަންޖެހޭ ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފައެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އެއްވެސް އިންތިހާބަކާ ދިމާކޮށް ވަޒީފާ ދީފައިނުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާއިރު، އިންތިހާބާ ދިމާކޮށް ވަޒީފާ ބެހި ކަމަށް އެމަނިކުފާނު ފަހުން މިވަނީ އިއުތިރާފުވެވަޑައިގެންފައިވެއެވެ.










