theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ގާސިމާ ސަލާން ކުރައްވަނީ / ރައީސް އޮފިސް
ސިޔާސީ
ރައްޔިތުން ގޭހަށް ޖައްސައި ގާސިމަށް މިލިއަނުން ޑޮލަރު ދިނުމުން މުއިއްޒަށް ޘަނާ ކިޔައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 ފެބްރުއަރީ 2026
މާލެ ސިޓީ

އެސްޓީއޯ އިން ގޭސް ހުސްވެ ވިލާ ގޭސް ގަތުމަށް ބޮޑު ހޭދައެއް ސަރުކާރުން ކުރުމާއިއެކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސިޔާސީ މިސްރާބު އަނެއްކާވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދިމާލަށް އަނބުރާލައިފިއެވެ. ރައްޔިތުން ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް، އަމިއްލަ ވިޔަފާރިއަށް ފައިދާވާ ގޮތަށް ކަންކަން މަގުފަހިވުމުން ގާސިމް މިވަނީ ރައީސް މުއިއްޒަށް އިންތިހާއަށް ސަނާ ކިޔަން ފަށާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ދިގު ސިޔާސީ ހަޔާތުގައި މިހާތަނަށް ރައީސް މުއިއްޒު ފަދަ "ސްމާޓް" ބޭފުޅަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ވަރަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

ނަމަވެސް، މި ވާހަކަތަކުގެ ފަހަތުގައި އޮތީ ބޮޑު "ޑީލް" އެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ. ރައްޔިތުން ގޭހަށް ޖައްސައި، ސަރުކާރުން ވަނީ ވިޔަފާރިވެރިޔާ ގާސިމްގެ ކުންފުނިން އެތަކެއް މިލިއަން ޑޮލަރަކަށް ގޭސް ވަނީ ގަނެފައެވެ. މިގޮތަށް ގާސިމްގެ "މުށުތެރެއަށް" ބޮޑު ލާރިގަނޑެއް އޮއްސާލުމަކީ، ގާސިމްގެ ތާއީދު ސަރުކާރަށް ހޯދުމަށް ރައީސް މުއިއްޒު ޖެއްސެވި ސިޔާސީ މަޅިއެއް ކަމަށް ބެލެވެއެވެ.

ގާސިމް އިބްރާހީމަކީ އަބަދުވެސް ސިޔާސީ ގޮތުން "ވައިޖެހޭ ކޮޅަށް" ދަތުރުކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. އަމިއްލަ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ކޮންމެ ފަހަރަކު، ކުރިން ކިތަންމެ ވަރަކަށް ފާޑުވިދާޅުވި ނަމަވެސް، ސަރުކާރުގެ ދިފާއުގައި ނުކުމެވަޑައިގަތުމަކީ ގާސިމްގެ އާދައެކެވެ. މިފަހަރުވެސް ފެނިގެން މިދަނީ ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް، ވިލާ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް ކަންކަން ހަމަޖެހުމުން، ރައީސް މުއިއްޒަކީ އެންމެ "ސްމާޓް" ލީޑަރަށް ވެގެންދިޔަ މަންޒަރެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށާއި ގާސިމަށް ފާޑުކިޔަމުންނެވެ. ވަކި ވިޔަފާރިވެރިއަކަށް ފައިދާވާ ގޮތަށް ދައުލަތުގެ ފައިސާ ހޭދަކުރުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ. ނަމަވެސް، ގާސިމްގެ ނަޒަރުގައި ރައީސް މުއިއްޒުގެ މި އަމަލަކީ "ހިކުމަތްތެރި" ނިންމުމެކެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved