ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން މިލިއަނުން ރިޝްވަތު ހުށަހަޅަމުންދާ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުން ނަން އަނބުރާ ގެންދިޔުމަށްޓަކައި އިދިކޮޅު ކެންޑިޑޭޓުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުންދާ ކަމަށެވެ. މިއީ ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ "ބަގާވަތުގެ އަމަލެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ ބަޣާވާތުގެ އަމަލެއް. ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް، އެ ފައިސާއިން ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ މި މަސައްކަތަކީ ފިރުއައުނު ފަދަ ހުދުމުހުތާރު ވެރިންނާއި، ޔަމަނުގެ ފަސާދަވެފައިވާ ވެރިކަންތަކުން ފެނިގެންދާ ފަދަ ހަޑިމުޑުދާރު އަމަލުތައް،" ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އައްބާސް ލިޔުއްވާފައިވެއެވެ.
އައްބާސް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރު ހިންގާ ޕީއެންސީން ދަނީ އިންތިހާބުގެ މިނިވަންކަން ގެއްލުވާލުމަށް ނުބައި ރޭވުންތަކެއް ރާވަމުންނެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޝްވަތުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން، ވަގުތީ ވަޒީފާއަކަށް ނުވަތަ ފައިސާކޮޅަކަށްޓަކައި އަމިއްލަ އީމާނާއި، އަބުރާއި، ގައުމުގެ މުސްތަގުބަލު ވިއްކާނުލުމަށް ހުރިހާ ކެންޑިޑޭޓުންނަށް އައްބާސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުން ނުވަތަ ޕީއެންސީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.