April 3, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ޕީއެންއެފް ޖަލްސާތަކުގައި ވެރިކަން ކުރާ ޕީއެންސީއަށް ތާއީދުކުރަންޖެހޭ ސަބަބެއް ނެތް: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 16, 2026, 04:35 AM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބާއްވާ ޖަލްސާތަކަކީ ސަރުކާރަށް ސަނާކިޔުމަށް ބާއްވާ ޖަލްސާތަކެއް ނޫން ކަމަށާއި، މިހާރު އޮތް ޕީއެންސީ ސަރުކާރަށް ތާއީދުކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

މިރޭ ޕީއެންއެފްގެ ފްރަންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރާ އިރު، އަދި ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ މަސައްކަތްތައް ނުކުރާއިރު، ސަރުކާރަށް ސަނާކިޔައިގެން ތިބެންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާހީ މަސައްކަތުގައި ކުރިން އުޅުއްވި ގާސިމް މިއަދު ފެންނާން ނެތް ކަމަށެވެ.

"މިއަދު ކޮބާތޯ އެއްކަލަ އިސްލާހަށް މަސައްކަތް ކުރި ގާސިމް؟ އޭނާއަށް ކާޑެއްދޫއިން ނުވަތަ އެހެން ތަނަކުން ލާރިކޮޅެއް ލިބޭތީ މިހާރު އެ ގޮވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ޕީއެންސީއަށް ދޭށޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އަމިއްލަ ނަފްސަށް އިތުބާރެއް އަދި އިހުތިރާމެއް ނެތް މިފަދަ ސިޔާސީ ލީޑަރުންގެ ސަބަބުން ގައުމުގެ ހާލަތު ބަދަލުވަމުންދާ ކަމަށެވެ. އަދި ގާސިމް އިބްރާހީމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން، ސަރުކާރުން ގާސިމަކީ އެކި ކަންކަމަށް ޚަރަދުކުރާ ދީލަތީ ބޭފުޅެއްގެ ގޮތުގައި ލިޔުއްވައި، "ކަލަގޮވަން" މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ޕީއެންއެފްގެ މަގްސަދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ޕާޓީގެ ޖަލްސާތަކަކީ ސަރުކާރަށް ހަމައެކަނި ފާޑުކިޔާ ތަނެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ ތަނެއް ކަމަށެވެ.

"ސަރުކާރުން ރަނގަޅު ކަމެއް ކޮށްފިއްޔާ ރަނގަޅޭ ބުނާނަން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުގެ ހިންގުމަށާއި، ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. މި ޖަލްސާގައި ޕީއެންއެފްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved