ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނުއްއުގޫބާތަށް މި އިސްލާހު ގެންނަންް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ 10 ޑިސެމްބަރުގައި ވިދާޅުވި އެވެ.
މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާއަށް މި ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވި ބިލުގައި ހިމަނާފައި ވަނީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައިވެ އެވެ. ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްކަމަށް ވަނީ 4 އަހަރަށް ޖަލަށްލުމެވެ.
ޖުވާ ކަމުގައި ނުބެލެވޭނެ ތިން ކަމެއް ވެސް ބިލުގައި ފާހަގަކުރި އެވެ. އެއީ؛
މުނިފޫހިފިލުވުމުގެ ނުވަތަ ކުޅިވަރުގެ ބޭނުމަށްޓަކައި އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ހިމެނޭ ބައިވެރިންނަށް ފައިސާގެ ނުވަތަ އެ ނޫން ވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުން
އެއްވެސް އަގެއް ދިނުމަކާ ނުލައި، މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތްތަކަށް ފައިސާގެ ނުވަތަ އެ ނޫން ވެސް އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި އެކަމަށްޓަކައި ބޭއްވޭ ގުރުއަތުލުންތަކުގައި ބައިވެރިވުން
ޖުވާކުޅުމުގެ އާލާތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ނުވަތަ އެޑެޕްޓްކުރެވިފައިވާ ޑިވައިސް ނުވަތަ މެޝިނަކުން ކުޅުންތެރިންނަށް ލިބިދޭ ވަނަތަކާއި އިނާމާއި އެފަދަ އެއްޗެއް ރިޑީމްކުރުމަށް ދާ އަގެއް ރަމްޒުކޮށްދޭ ކޮއިން ނުވަތަ ޓޯކަން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ނުވަތަ މެޝިން ބޭނުން ކުރުން
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަން މުއިއްޒު ވަނީ މިދިޔަ މަހު ހާމަކުރައްވާފަ އެވެ.