April 6, 2026
Advertisement
-
- / ރައީސް އޮފިސް

ކައުންސިލްތަކުގެ ބާރު ކަނޑުވާލާ އިންތިހާބަށް ރިޝްވަތު ބަހަނީ، މުނާފިގުވާނީ މިވަރަށް: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Feb 18, 2026, 09:02 PM
މާލެ ސިޓީ

ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ކައުންސިލް އިންތިހާބަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރިޝްވަތު ބަހަމުން ދާކަމަށާ އިންސާނަކު، މުނާފިގުވާނީ އެމިންވަރަކަށް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ އަޅާ ނުލާ ތިބުމަށް ފަހު ކައުންސިލް އިންތިހާބު އައިސް ބޯމަތިވުމާ އެކު އެ ފްލެޓުތަކުގެ ވެރިންނާ ބައްދަލުކޮށް ކޮންމެ ފްލެޓުވެރިއަކަށް 1 ލައްކަ ރުފިޔާ ދޭން ރައީސް ޑރ މުއިއްޒު ވަނީ ދޭން ނިންމާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން 5 އަހަރުގެ ދައުރަކަށް އިންތިޚާބުކުރި ކައުންސިލްތަކުގެ ދައުރުން 1 އަހަރު ކައުންސިލްތަކަަށް އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުފެށޭގޮތަށް ހަދާ، މުވައްޒަފުން ނުނެގޭ ގޮތަށް ހެދީ ކޮރަޕްޝަން ހުއްޓުވުމަށްކަމަަށްބުނެ ކަމަށެވެ.

ނަމަވެސް ހަމަ އެމީހުން، ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓުން ކުރިމަތީ ބައިތިއްބައިގެން، ކުލި ނުދައްކާ ގަވާއިދާ ހިލާފުވީ މީހުންގެ ކުލި މައާފުކޮށްދީ 16 މިލިއަން ރުފިޔާ ބަހާލި ކަމަށް ތުހުމަތު ކުރައްވާ އައްބާސް ވަނީ ރާއްޖެތެރޭ ރަށްތަކުގައި ސޯސަލް ހައުސިންގައި ކުއްޔަށް އުޅޫ ފަރާތްތަކަށް އެކަން އެގޮތަށް ނުކޮށްދެއްވީ ކީއްވެތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.

ހަމައެހެންމެ ވިނަރެސް ފުލެޓުތަކާއި ހިޔާ ފުލެޓުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް އެގޮތަށް ކަންތައް ނުކޮށްދެއްވީ ކީއްވެތޯއާ މާލެއާ ރާއްޖެތެރޭގައި އެތައްހާސް ބަޔަކު ބޮޑު ކުލީގައި ދިރިއުޅޭއިރު އެރައްޔިތުންގެ ހައްޤު ކޮބައިތޯ އައްސަވާވެސް އައްބާސް ވަނީ ސުވާލުތަކަކުން ސަރުކާރަށް ބަހުގެ ހަމަލާތަކެއް ފޮނުވާފައެވެ.

މީގެ އިތުރުން އައްބާސް ވަނީ ވެރިޔަކު މުނާފިގުވާނީ މިހާކަންހާ މިންވަރަކަށް ވިދާޅުވެ ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވެސް ވިދާޅުވެފައެވެ.

މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ވެރިންނަށް 1 ލައްކަ ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމުމުން އެއީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ހިންގާ ކޮރަޕްޝަންގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved