ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލޭ ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތައް ބޮޑުތަނުން އުފުލި، އާންމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ. މި ހަފްތާ ފެށުނުއިރު ތަކެތި ހުރި އަގުތަކާ އަޅާބަލާއިރު، ރޯދަ މަސް ފެށުމާއެކު ގިނަ ބާވަތްތަކަކުން ވަނީ ބޮޑު އަގުތަކެއް ފެންނަން ފަށާފައެވެ.
ބާޒާރުގެ އަގުތަކަށް ބަލާއިރު، އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ މޭވާގެ ބާވަތްތަކަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 8 ރުފިޔާއަށް ލިބުނު އޮރެންޖެއްގެ އަގު މިއަދު ވަނީ 10 ރުފިޔާއަށް އުފުލިފައެވެ.
ރޯދަ ވީއްލުމަށް އާންމުކޮށް ބޭނުންކުރާ ދޮންކެޔޮ ކިލޯއެއްގެ އަގު 30 ރުފިޔާއިން 50 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައިވާއިރު، ފުސްކެޔޮ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައެވެ. މީގެއިތުރުން ކަރާ ކިލޯއެއްގެ އަގުވެސް ވަނީ 20 ރުފިޔާއާއި 25 ރުފިޔާއަށް ބޮޑުވެފައެވެ. ކުރުނބައެއްގެ އަގު 35 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގައި ހުރިއިރު، 1.5 ލީޓަރުގެ ކުރުނބާ ފުޅިއެއް ލިބެނީ 120 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.
ބާޒާރުމަތިން މަޢުލޫމާތު ލިބޭގޮތުގައި، މި ދުވަސްވަރު މިރުހާއި، ކުދީނާ އަދި ކޮޕީފަތް ފަދަ ބާވަތްތަކުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.
ޚާއްޞަކޮށް ރޯދަމަހަކީ ތަކެތީގެ ޑިމާންޑް ބޮޑު މަހަކަށް ވާއިރު، އަގުތައް ހަމަހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.