
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް މައްޗަންގޯޅި މެދު ދާއިރާގެ ދޮރުންދޮރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޑައިގަތުމުން، އެމަނިކުފާނާ ސުވާލުކުރަން މަސައްކަތްކުރި ނޫސްވެރިންނަށް ސެކިއުރިޓީން ހުރަސްއަޅައިފިއެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނާއެކު ރައީސް މުއިއްޒު ހޯމަ ދުވަހުގެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން، 'އަދަދު' ނޫހުގެ ނޫސްވެރިން ވަނީ ސުވާލުކުރުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައެވެ.
ނަމަވެސް، ފުރަތަމަ އާންމުންގެ ތެރޭގައި ތިބެގެން ސުވާލުކުރަން އުޅުމުން އެތަނުން ދިއުމަށް އެންގުމަށްފަހު، މީޑިއާއަށް ޚާއްސަ ކުރި ސަރަހައްދުގައި ތިބެގެން ކުރި މަސައްކަތަށްވެސް ސެކިއުރިޓީން ވަނީ ހުރަސްއަޅާފައެވެ.
މަޖީދީމަގުން ގޮސް ޗާންދަނީމަގުގެ ގެއަކަށް ވަދެވަޑައިގަތުމަށްފަހު ނުކުންނެވި ވަގުތުވެސް ނޫސްވެރިން ސުވާލުކުރަން އެދުމުން، ރައީސްގެ ސެކިއުރިޓީން ވަނީ އެހެން ނޫސްވެރިންނާ އެއް ހަމައެއްގައި 'އަދަދު' ގެ ނޫސްވެރިން ބޭތިއްބުމަށްވެސް އިންކާރުކޮށްފައެވެ. ނޫސްވެރިން މިގޮތަށް މަގުމަތިން ރައީސާ ސުވާލުކުރަން މަސައްކަތް ކުރަން ޖެހުނީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވާތާ 295 ދުވަސް ފާއިތުވެފައިވާތީ، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ސަރުކާރުގެ ޖަވާބެއް ހޯދުމުގެ ބޭނުމުގައެވެ. ހޯމަ ދުވަހުެގެ މި ހާދިސާއާއެކު، ނޫސްވެރިކަމުގެ މިނިވަންކަމާއި ސުވާލުކުރުމުގެ ހައްގަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.










