
ޗައިނާގެ އެންމެ ފަހުގެ ޖާސޫސީ ވަސީލަތްތަކާއި ސެޓެލައިޓް ޓެކްނޮލޮޖީގެ އެހީގައި، އީރާނުން މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑެތި އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް ވަގުތުން ބަލަން ފަށައިފިއެވެ.
އާ ޖާސޫސީ ރިޕޯޓުތަކުން ހާމަވާގޮތުގައި، ޗައިނާއިން ދަނީ "ރިއަލް ޓައިމް" ސެޓެލައިޓް ފީޑްތަކާއި "ބެއިޑޫ" ނެވިގޭޝަން ސިސްޓަމްގެ ޑޭޓާ އީރާނަށް ފޯރުކޮށްދެމުންނެވެ. މި އެހީތެރިކަމުގެ ސަބަބުން، އެމެރިކާގެ ވަރުގަދަ މަނަވަރުތައް ކަމަށްވާ 'ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް' އާއި 'ޔޫއެސްއެސް އަބްރަހަމް ލިންކަން' ކަނޑުގެ ސަރަހައްދުގައި ކުރާ ކޮންމެ ހަރަކާތެއް ސާފުކޮށް ބެލުމުގެ ގާބިލުކަން އީރާނަށް މިހާރު ވަނީ ލިބިފައެވެ.
މިކަމުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޗައިނާގެ ޓެކްނޮލޮޖީގެ މުހިންމުކަން ވަނީ ހާމަވެފައެވެ. އަދި މިއީ ހުޅަނގުގެ ބާރުތަކުން މެދުއިރުމަތީގައި ހިންގާ އަސްކަރީ ހަރަކާތްތައް މޮނިޓަރކޮށް، ސަރަހައްދީ ބާރުތަކުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ. ޗައިނާގެ މި އެއްބާރުލުމަކީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި އެ ގައުމުގެ ނުފޫޒާއި ޓެކްނޮލޮޖީގެ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ.
މީގެ އިތުރުން، މި ފޯރުކޮށްދޭ ޑޭޓާގެ އެހީގައި އީރާނުގެ މިސައިލް ނިޒާމުތަކުގެ ސައްހަކަން އިތުރުވެ، ދުރު ރާސްތާގެ އަމާޒުތަކަށް ފާރަލުމުގެ ގާބިލުކަން ވަނީ އާދަޔާ ހިލާފަށް ވަރުގަދަވެފައެވެ. ޗައިނާގެ "ބެއިޑޫ" ނެވިގޭޝަން ސިސްޓަމަކީ އެމެރިކާގެ ޖީ.ޕީ.އެސް އަށް އޮތް އެންމެ ވަރުގަދަ ބަދަލު ކަމަށްވާއިރު، މި ޓެކްނޮލޮޖީ މެދުވެރިކޮށް އީރާނުން ދަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ހުޅަނގުގެ އަސްކަރީ ބާރުވެރިކަމަށް ގޮންޖަހަމުންނެވެ. މި އެއްބާރުލުމުގެ ސަބަބުން ދުނިޔޭގެ ބާރުގެ ތިލަފަތް ބަދަލުވެ، ޓެކްނޮލޮޖީގެ ރަންގަޅު ބޭނުން ހިފައިގެން ގައުމީ ސަލާމަތް ކަށަވަރުކުރުމުގައި ޗައިނާއަކީ އިތުބާރު ހުރި ބައިވެރިއެއްކަން އަނެއްކާވެސް މިވަނީ ސާބިތުވެފައެވެ.










