ކުރިއަށް އޮތް، ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު އިތުރުކޮށްފިއެވެ.
ކުރީގެ އަދަދަށް ބަދަލު އައިސްފައިވަނީ ރީ- ރެޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ލިސްޓަށް އައި ބަދަލާ އެކުއެވެ.
އެގޮތުން ހަތަރު ގައުމާއި 30 ރިސޯޯޓެއްގެ އިތުރުން ހުޅުލެއަށް ވޯޓް ފޮށި ވަނީ އިތުރު ކޮށްފައެވެ.
މަޖިލީސް އިންތިހާބުގައި ހަ ގައުމެއްގައި ވޯޓް ފޮށި ބަހައްޓަން އީސީ އިން ކުރިން ނިންމި ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބެހެއްޓޭ އަދަދަށް މީހުން ރީ-ރަޖިސްޓްވެފައި ވަނީ ލަންކާ އަދި މެލޭޝިއާގައި އެކަންޏެވެ.
ނަމަވެސް މަޖިލީސް އިންތިހާބުގެ ތާރީހު ފަސްވެ އަލުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލިއިރު މިހާރު ވަނީ އިތުރު 30 ރިސޯޓަކާއި ހުޅުލެ އަދި އިތުރު ހަތަރު ގައުމެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައެވެ. އެއީ؛
އިންޑިއާ / ޓްރިވެންޑްރަމް
ތައިލެންޑް / ބެންކޮކް
އިނގިރޭސިވިލާތް / ލަންޑަން
އެކުވެރި އަރަބި އިމާރާތް / އަބޫ ދާބީ
މީގެ އިތުރުން ބައެއް ވޯޓް ފޮށިތައް ބަހައްޓާ ތަންތަން ވެސް ވަނީ ބަދަލުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓް ފޮށިތައް ބަހައްޓާ ތަންތަނަށް އައި ބަދަލު ވެެސް އާންމު ކޮށްފައެވެ.
ކޮމިޝަނުން ބުނީ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓު، ސިނާއީ އަދި ރާއްޖެއިން ބޭރު ގައުމުތަކުގެ ތެރެއިން އެ ތަނެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި ރިސޯޓު / ސިނާއީ ނަމަ މަދުވެގެން 30 އަދި ރާއްޖެއިން ބޭރު ގައުމެއްނަމަ މަދުވެގެން 150 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.