
އިޒްރޭލުން މުސްލިމުންގެ މައްޗަށް ހިންގަމުންދާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރައްވައި، އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ބަދަލުހިފުމުގެ ފުރިހަމަ ހައްޤު އެ ޤައުމަށް ލިބިގެންވާ ކަމަށް މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިޒްރޭލުން ތަކުރާރުކޮށް މުސްލިމުންނަށް އަމާޒުކޮށް ހިންގަމުންދާ ހަރަކާތްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި އީރާނުގެ ސިޔާދަތަށް އަރައިގަނެ ދެވޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަކީ އެ ޤައުމަށް ލިބިގެންވާ އުސޫލީ ހައްޤެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ "އުދުވާނީ" ހަމަލާތަކަށް އިޝާރާތްކުރައްވައި، އެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްދެއްވުމަށް އެދި ޒަރިޔަންދު ވަނީ ދުއާކުރައްވާފައެވެ. އޭނާގެ ޕޯސްޓް ނިންމާލާފައިވަނީ މުޅި އިސްލާމީ އުންމަތަށް ނަސްރު ދެއްވުމަށް އެދި ދަންނަވަމުންނެވެ. މި ބަޔާނާއެކު، ސަރަހައްދީ ސިޔާސީ މަސްރަޙުގައި މުސްލިމް ޤައުމުތަކުގެ ދިފާޢުގައި ޒަރިޔަންދު ހުންނެވިކަން ވަނީ ހާމަވެގެން ގޮސްފައެވެ.










