March 1, 2026
Advertisement
އިރާން އިޒްރޭލު ހަނގުރާމަ ފެށިއްޖެ، ރާއްޖޭގެ ފުޑް އެންޑް ތެލުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ކުރިން ސުވާލަށް ވެސް މިހާރު ކުރި ސުވާލަށް ވެސް ދައުލަތުގެ ޖަވާބެއް ނެތް!
އިރާން އިޒްރޭލު ހަނގުރާމަ ފެށިއްޖެ، ރާއްޖޭގެ ފުޑް އެންޑް ތެލުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ކުރިން ސުވާލަށް ވެސް މިހާރު ކުރި ސުވާލަށް ވެސް ދައުލަތުގެ ޖަވާބެއް ނެތް! / ރައީސް އޮފިސް

އިރާން އިޒްރޭލު ހަނގުރާމަ ފެށިއްޖެ، ރާއްޖޭގެ ފުޑް އެންޑް ތެލުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ކުރިން ސުވާލަށް ވެސް މިހާރު ކުރި ސުވާލަށް ވެސް ދައުލަތުގެ ޖަވާބެއް ނެތް!

Feb 28, 2026, 11:27 PM
މާލެ ސިޓީ

މެދު އިރުމަތީގެ މަސްރަހު ހޫނުވެ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރާ އެކު ދުނިޔޭގެ މީޑިޔާތަކުން ދެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ފުޑް ސެކިއުރިޓީ އަދި ތެލާ ފެނުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ޗެނަލް13 އިން ދައުލަތުގެ ކަމާ ގުޅުން ހުރި ބޭބޭފުޅުންނާ މީގެ 7 މަސް ކުރިން ވެސް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް އަދި މިއަދުވެސް ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ދިވެހި ދައުލަތުން ހަނު ތިއްބަވައިފިއެވެ.

Advertisement

މިދިޔަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުއާ ސުވާލުކުރުމުން ވިދާޅުވީ ތެލާ ފެނުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން އެސްޓިއޯގެ އެމްޑީ ޝިމާދު އިބްރާހިމު އާ ސުވާލުކުރުމަށެވެ. އެ ސުވާލު ޝިމާދުއާ ކުރުމުން މިއަދާ ހަމައަށް ވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

އޭގެ ފަހުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ޗެނަލް13 އިން ރައީސް އޮފީހުގެ މިނިސްޓަރު ޚަލީލުއާ، ދުނިޔޭގެ މަސްރަހުގައި ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަަރުކޮށް ދެވިދާނެ ތޯ  ސުވާލުކުރުމުން ސުވާލަކުން ޖަވާބު އެރުވިއެވެ. ވިދާޅުވީ އެހާ ބްރޯޑް ސުވާލެއް ކުރީ ކޮން ކަމަކާ ގުޅިގެން ތޯ ކަމަށެވެ.

މެދު އިރުމަތީގެ ހާލަތު ގޯސްވާކަމުގެ އިޝާރާތް ދުނިޔޭގެ މަސްރަހުން ލިބެމުންދާތީ ކަމަށް ބުނުމުން އޭގެ ފަހުން އެއްވެސް ބަހެއް ލިބިފައިނުވެއެވެ.

ކަން އެހެން އޮއްވާ މިއަަދު މެދު އިރުމަތީގެ ހަނގުރާމަ ފެށުމާ އެކު މީގެ ފަސް ގަޑިއިރު ކުރިން ރައީސް އޮފީހުގެ މިނިސްޓަރު ޚަލީލުއާ ދައުލަތުގެ ތަރުޖަމާނު ހީނާ ވަލީދުއާ ވެސް ޗެނަލް13 އިން ކުރި ސުވާލަށް ޖަވާބެއް ދީފައިނުވެއެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، މިވަގުތުގެ ހާލަތަށް ބަލާއިރު އިރާނުން ވަނީ  އެގައުމާއި ކައިރީ އޮންނަ ސްޓްރެއިޓް އޮފް ހޯމުޒް ނުވަތަ ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެއާއެކު ތެޔޮ ބޭރު ކުރުން ވަނީ ހުއްޓިފައެވެ. 

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ، އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ އަދި ސަލާމަތަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ސަބަބަކީ އެއީ ދުނިޔޭގެ އެންމެ މުހިންމު އެއް ތެޔޮ ޗެކްޕޮއިންޓް ކަމަށްވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved