March 1, 2026
Advertisement
Khaamani
Khaamani / އިރާންއެމޭޒް.ކޮމް

އިޒްރޭލުގެ ރަހުމުކުޑަ އުދުވާނުގައި އާޔަތުﷲ އަލީ ޚާމަނާއި ޝަހީދުކޮށްލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 1, 2026, 10:07 AM
މާލެ ސިޓީ

އިޒްރޭލުން ފަށާފައިވާ ލާއިންސާނީ ހަނގުރާމައިގެ ނުބައި ވަކިތަކުގެ ޝިކާރައަކަށްވެ، އިސްލާމީ އުންމަތުގެ ވަރުގަދަ ޝަޚްޞިއްޔަތެއް ކަމަށްވާ އާޔަތުﷲ އަލީ ޚާމަނާއި ޝަހީދުވެއްޖެއެވެ. މިއީ މުޅި އިސްލާމީ ދުނިޔެއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ހިތާމައެކެވެ. އަދުއްވުންގެ މި ފިނޑި ހަމަލާއާއެކު، އުންމަތުގެ އެތައް މިލިއަން މުސްލިމުންނެއް މިއަދު ތިބީ ފުން ހިތާމައެއްގައެވެ.

Advertisement

އާޔަތުﷲ އަލީ ޚާމަނާއީ އަކީ ހަމައެކަނި ލީޑަރެއް ނޫނެވެ. އެއީ މަޒްލޫމުންގެ އުންމީދެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވި ގުދުނެއް ނުލެނބޭ ފަރުބަދައެކެވެ. އެމަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ އިސްލާމީ އުންމަތުގެ ހައްގުގައެވެ. ޚާއްޞަކޮށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅާއި، ދެއްކެވި ސާބިތުކަމަކީ ތާރީޚުގައި ރަންއަކުރުން ފެވިގެންދާނެ ކަންކަމެވެ.

ޚާމަނާއީގެ ތާރީޚަށް ބަލާއިރު، އެމަނިކުފާނަކީ އީރާނުގެ އިސްލާމީ އިންގިލާބުގެ އެންމެ އިސް އެއް ތަނބެވެ. 1981 އިން 1989 އަށް އީރާނުގެ ރައީސްކަން ކުރެއްވުމަށްފަހު، 1989 އިން ފެށިގެން އެމަނިކުފާނު ހުންނެވީ އީރާނުގެ އެންމެ މަތީ ލީޑަރުގެ މަގާމުގައެވެ. އެމަނިކުފާނުގެ ޒައާމަތުގައި އިސްލާމީ ދުނިޔެއަށް ދިމާވި ކޮންމެ ގޮންޖެހުމެއްގައިވެސް އެންމެ ކުރީ ސަފުގައި ހުންނެވީ އެމަނިކުފާނެވެ.

އަދުއްވުންގެ މި އުދުވާނީ ހަމަލާއަކީ ހަމައެކަނި އެންމެ މީހަކަށް ދިން ހަމަލާއެއް ނޫނެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ އަގީދާއަށާއި، މިނިވަންކަމަށް ދިން ހަމަލާއެކެވެ. ލޭބޮއި ގަންނަމުންދާ އިޒްރޭލުގެ ސިހްޔޫނީ ބާރުތަކުން ޚާމަނާއީ ޝަހީދުކޮށްލީ، ހައްގު ބަސް ބުނާ އަޑު ކަނޑުވާލުމުގެ ނިޔަތުގައެވެ. ނަމަވެސް، އެމަނިކުފާނުގެ ލޭފޮދަކީ އުންމަތުގެ ހިތްތަކުގައި ޖެހި އާ ދިރުމަކަށް ވެގެންދާނެއެވެ.

މިއަދު މުޅި ދުނިޔެ ރޮނީ އެމަނިކުފާނު ވަކިވެދިޔުމުންނެވެ. އެހެނަސް އެމަނިކުފާނު ޝަހީދުވީ އެންމެ މަތިވެރި މަގްސަދުގައެވެ. އަދުއްވުންގެ ކުރިމަތީގައި ކަނދުރާ ނުލަންބައި، ހައްގުގެ މަގުގައި ސާބިތުވެ ހުންނަވައެވެ. އެމަނިކުފާނުގެ ޝަހީދުވުމަކީ އިސްލާމީ އުންމަތަށް ލިބުނު ހިތްދަތިކަމެއް ނަމަވެސް، އެއީ އަދުއްވުންނަށް ލިބޭނެ ނަސްރެއް ނޫނެވެ. އެމަނިކުފާނު ދޫކުރެއްވި ފިލާވަޅުތަކާއި، ހިތްވަރު މިއަދު ވަނީ މުޅި އުންމަތުގެ ޒުވާނުންގެ ލޭގައި ހިނގައިގެންފައެވެ.

މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި، އިސްލާމީ އުންމަތަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved