
މެދުއިރުމަތީގެ ހަނގުރާމައާ އެކު ފްލައި ދުބާއީގެ ދިވެހި ކެޕްޓަން އަހުމަދު ޖިނާން ޝަރީފްގެ އާއިލާއިން ކުރި ބިރުވެރި ތަޖުރިބާއާ އެކު އޭނާގެ ސުވާލުތަކެއް ދިވެހި ސަރުކާރަށް އަމާޒުކޮށްފިއެވެ.
މެދު އިރުމަތީގެ ހަނގުރާމަ ފެށުނު ދުވަހަކީ ޖިނާންގެ ފްލައިޓެއް އޮތް ދުވަހަކަށް ވެފައި އެ ދުވަހުގެ އެ ބިރުވެރި ވަގުތު ޖިނާނަށް ހުންނަން ޖެހުނީ ދުބާއީގައި ދިރިއުޅެމުންދާ އޭނާގެ ލޯބިވާ އަނބިމީހާއާ ދެ ދަރިންނާ ދުރުގައި. ހަނގުރާމައިގެ ފުރަތަމަ ހަމަލާ އަމާޒުވި އީރާންގެ އިސްފަހާނުގައެވެ.
ޖިނާނާ ދުއްވަން އިން ފުލައި ދުބާއީގެ ފްލައިޓު އިސްފަހާނަށް ލޭންޑްކުރި ވަގުތަކީ އިޒްރާއީލުން އީރާނަށް ދިން ބޮމުގެ ހަމަލާ އަމާޒުވި ވަގުތެވެ. ހަނގުރާމަ ފެށުމާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދުބާއީއަށް ކުރަން އޮތް ދަތުރު ކެންސަލްވުމުން ކެޕްޓަން ޖިނާނާއި އޭނާގެ ފަޅުވެރިން ތިބެން ޖެހުނީ ހަނގުރާމަ ހިންގަމުންދިޔަ ހިސާބުގައި ބިރުވެރިކަމާ ނާމާން ކަމުގެ ތެރޭގައެވެ.
ހަތަރު ދުވަހުގެ އެ ބިރުވެރި ވަގުތުކޮޅުގައި އިރާނުގެ މުއާސަލާތީ ހިދުމަތްތައް ކަނޑާލާފައި އޮތުމުން ދުބާއީގައި ތިބި އޭނާގެ އަނބިމީހާއަށާއި، ދެ ދަރިންނަށް އޭނާގެ ހާލެއް ނޭނގި ބިރުވެރިކަމެއްގެ އާއިލާއަށް ތިބެން ޖެހުނު ކަމަށާ އެ ވަގުތުގައި ޔުއޭއީގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމަށް ކެނޑިނޭޅި އޭނާގެ އަނބިމީހާ އެދެމުން ދިޔަ ކަމަށެވެ.
އެގޮތުން ޖިނާން ގަދަވެ ސަލާމަތުން ހުރިތޯއާ ޖިނާނުގެ ކަބަރެއް ބަލާދިނުމަށް ޔޫއޭއީގެ ސަފަރާގައި އެދެމުން އޭނާގެ އަނބިމީހާ ގެންދިޔަކަމށާ ނަމަވެސް އެ ސަފާރާއިން އެކަށީގެންވާ އެއްބާރުލުން ދީފައިނުވާ ކަމަށް ޖިނާން ތުހުމަތުކޮށްފައިވެއެވެ.
އާއިލާއިން އެމްބަސީއަށް ދިޔުމުން ލިބުނީ ވަރަށް ފަރުވާކުޑަ ޖަވާބުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްބަސީގެ ފަރާތުން އެއްވެސް މާނަހުރި އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވޭ. އަޅުގަނޑުގެ އާއިލާއަށް ލިބުނު ހަމައެކަނި ޖަވާބަކީ ތިކަން ބަލަމުންދަނީ ކަމަށް. ދެ ދަރިންގެ ބައްޕަ ދުނިޔޭގައި ހުރިތޯ ބަލަން ރޮއެ އާދޭސްކުރި، އަނތްބަކަށް ސަރުކާރުގެ އިދާރާއަކުން މިފަދަ ފަރުވާ ކުޑަ ޖަވާބުތަކެއް ދިނުމަކީ ލަދުވެތި ކަމެއް
ޖިނާން
ޖިނާން ބުނެފައިވާ ގޮތުގައި އެމްބަސީގެ އެހީތެރިކަމަށް އެދުމުން ސަފާރާއިން ފޯރުކޮށްދިނީ އެންމެ އާދައިގެ މިހާއަށްވެސް އަމިއްލަވެސް ހޯދިދާނެ މަައުލޫމާތު ކަމަށެވެ. އެގޮތުން ސަފާރާއިން ދިޔައީ ފްލައިޓު ޝެޑިއުލްތަކުގެ ސްކްރީންޝޮޓްތައް އާއިލާއަށް ފޮނުވަމުންކަމަށް ވެސް ޖިނާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މައުލުމާތު ފޯރުކޮށްދިނުމުގައި ސަފާރާއިން ދޮގު ހަދާފައިވާކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އެގޮތުން އެމްބަސީން އޭނާއާ މެދުނުކެނޑި ގުޅަމުންދާ ކަމަށް ބުނެ ހަދާފައިވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަފީރާ ވާހަކަ ދެއްކުނީ ހަމައެކަނި ފެބްރުއަރީ 28 ގައި އޭނާ އަމިއްލައަށް ގުޅުމުން ކަމަށެވެ.
އޭގެ ފަހުން އިރާނުން ސަލާމަތްވެގެން މާޗު 3 ވަނަ ދުވަހު އަޒަރުބައިޖާނަށް އެއްގަމު މަގުން ވަދެވުނީ ފްލައި ދުބާއީ ކުންފުނީގެ އެހީތެރިކަމާއެކު ކަމަށާއި، އެނބުރި ދުބާއީއަށް އާދެވުނުއިރު ވެސް ސަފީރު މުންދުގެ އެއްވެސް މެސެޖެއް ނެތް ކަމަށް ޖިނާން ވިދާޅުވިއެވެ.
ޖިނާން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ ނަޒަރުގައި ރާއްޖޭގެ އެމްބަސީއަކީ އިތުބާރު ކުރެވޭ ފަދަ ތަނެއް ނޫން ކަމަށެވެ. އެއީ ރާއްޖޭން ބޭރުގައި އުޅޭ ކޮންމެ ދިވެއްސަކުވެސް ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށް ޖިނާން ވަނީ މިފަދަ އެމްބަސީތައް ހިންގަން އެތައް މިލިއަން ޑޮލަރު ހޭދަކުރަނީ ހަމައެކަނި ލިޔެކިޔުންތަކުގައި ތައްގަނޑު ޖެހުމަށާއި ސަރުކާރުގެ އިސްވެރިންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށްތޯ އައްސަވާ ސުވާލެއް ފެންމަތިކޮށްފައެވެ.
ކެޕްޓަން ޖިނާން ވިދާޅުވީ، އަމިއްލަ ގައުމުގެ ސަރުކާރަށްވުރެ ޔޫއޭއީ ސަރުކާރާއި އޭނާ މަސައްކަތްކުރާ ކުންފުނިން ދިން އަޅާލުން މާ ފުރިހަމަ ކަމަށެވެ. މިއީ އޭނާ މާލެއަށް ދާން ބޭނުންނުވާ އެއް ސަބަބު ކަމުގައިވެސް ޖިނާން ފާހަގަކުރެއްވިއެވެ.
ޖިނާންގެ ބަޔާނާ ގުޅިގެން ސަފީރު މުހައްމަދު ހުސެއިން ޝަރީފު އެކަމުން ދިފާއުވެވަޑައިގެން ވިދާޅުވެފައިވަނީ، ބަޔާނުގައި ހުރި ވާހަކަތަކަކީ އޭނާ އެ ހާދިސާ އާ މެދު ދެކޭ ގޮތް ކަމަށާއި، އެމްބަސީގެ މުވައްޒަފުންނާ މެދު ޖިނާންގެ ނުބައި ތަސައްވުރެއް އުފެދިފައިވާ ކަމަށެވެ. ނަމަވެސް، ދުބާއީއަށް އެނބުރި އައިތާ ތިން ދުވަސް ވީއިރުވެސް ސަފީރުގެ ފަރާތުން އެއްވެސް މުއާމަލާތެއް ނެތް ކަމަށް ޖިނާން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.










