
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، އީރާނަށް މާލީ އެހީތެރިކަމާއި، ހަތިޔާރު އުފެއްދުމަށް ބޭނުންވާ މުހިންމު ސާމާނު ފޯރުކޮށްދިނުމަށް ޗައިނާއިން ތައްޔާރުވަމުންދާކަމުގެ އިޝާރާތްތަކެއް ލިބެމުންދާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ ސީ.އެން.އެން އިން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން ޗައިނާއިން އީރާނަށް ފޯރުކޮށްދޭން އުޅެނީ މިސައިލް އުފެއްދުމަށް ބޭނުންވާ ބައިތަކާއި، މާލީ އެހީގެ އިތުރުން މެޝިނަރީތަކުގެ ސްޕެއާ ޕާޓްސްތަކެވެ. ނަމަވެސް، ޗައިނާއިން މިހާތަނަށް މި ހަމަނުޖެހުމުގެ ތެރެއަށް ރަސްމީކޮށް ވަދެފައި ނުވާކަންވެސް އެމެރިކާގެ އޮފިޝަލުން ފާހަގަކުރެއެވެ.
ޗައިނާގެ އިތުރުން ރަޝިޔާއިންވެސް އީރާނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މި ރިޕޯޓުގައިވެއެވެ. އެގޮތުން، އެމެރިކާގެ ސިފައިންނާއި، މަނަވަރުތަކާއި އަދި މަތިންދާބޯޓުތައް ހަރަކާތްތެރިވާ ގޮތުގެ ޖާސޫސީ މައުލޫމާތާއި ސެޓެލައިޓް ފޮޓޯތައް ރަޝިޔާއިން އީރާނަށް ފޯރުކޮށްދެމުންދާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ޕެންޓަގަނުން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތަށް ބަލާއިރު ރަޝިޔާ ނުވަތަ ޗައިނާއިން މި ހަނގުރާމައިގައި ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ވަރުގަދަ ދައުރެއް އަދި އަދާކުރަމުންނެއް ނުދެއެވެ.
ޗައިނާއަކީ އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަށް ވުމާއެކު، ހަނގުރާމަ ދިގުލައިގެން ދިއުމަކީ ޗައިނާގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް އެ ގައުމުން ދެކެއެވެ. އެހެންކަމުން، އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، ޗައިނާއިން އަމަލުކުރަމުންދަނީ އީރާނުގެ އެހެން ބައިވެރިންނަށްވުރެ ބޮޑަށް ސަމާލުވެގެން، ބައިނަލްއަގުވާމީ މަސްލަހަތުތަކަށް ބަލައިގެން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.










