March 12, 2026
Advertisement
-
- / ނިއު ޓައިމްސް އޮފް އިންޑިއާ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު އިންޑިއާގެ އިގްތިސާދު އިނދަޖެހެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 12, 2026, 01:59 AM
މާލެ ސިޓީ

ދުނިޔޭގެ އެންމެ މުހިންމު ހަކަތަ "ޗޮކްޕޮއިންޓް" ކަމަށްވާ ސްޓްރޭޓް އޮފް ހޯރްމުޒް ސަރަހައްދު އިރާނުން ބަންދުކުރުމާއި ގުޅިގެން އޭގެ ނޭދެވޭ އަސަރު އިންޑިއާގެ އިގްތިސާދުން ވަރަށް ގަދައަށް ފެންނަން ފަށައިފިއެވެ.

Advertisement

ދުނިޔޭގެ ތެލާއި ގޭސް ޝިޕްމަންޓްތަކުގެ 20 އިންސައްތައަށްވުރެ ގިނަ މިންވަރު ދަތުރުކުރާ ސްޓްރޭޓް އޮފް ހޯރމުޒްއަކީ ދުނިޔޭގެ ހަކަތަ މާކެޓުގެ މައި ނާރެހެވެ. މި ޝިޕިން ރޫޓަށް އަންނަ ކޮންމެ ބުރޫއެރުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާ ކަމެކެވެ. އިންޑިއާއަކީ ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް އިމްޕޯޓްކުރާ ގައުމަކަށް ވުމުން، މިފަދަ ކޮންމެ ބަދަލެއްގެ ނަތީޖާ އެގައުމަށް ވަގުތުން ކުރިމަތިވެ، އިގްތިސާދަށް އޭގެ ލޮޅުން އަރައެވެ.

ސިނާއީ އަންދާޒާތަކަށް ބަލާއިރު، އިންޑިއާއިން ބޭނުންކުރާ އެލްޕީޖީގެ ގާތްގަނޑަކަށް 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރެއް އެތެރެކުރަނީ މެދުއިރުމަތިންނެވެ. މި ސަބަބަށްޓަކައި އެ ސަރަހައްދުގެ ނުތަނަވަސްކަމަށް އިންޑިއާ އޮތީ އިންތިހާއަށް ނާޒުކު ފަންތިއެއްގައެވެ. ޝިޕިންގްއަށް ދިމާވާ ދަތިތަކާއި ތެލުގެ އަގު ބޮޑުވުމުގެ ފުރަތަމަ ނިޝާންތައް މިހާރު ވަނީ އިންޑިއާގެ ޑޮމެސްޓިކް ގޭސް މާކެޓުން ފެންނަން ފަށާފައެވެ.

މިކަމުގެ ސަބަބުން އިންޑިއާގެ ބައެއް ބޮޑެތި ސިޓީތަކުގައި ރެސްޓޯރެންޓްތަކާއި ހޮޓާތަކަށް ބޭނުންވާ ވިޔަފާރި އެލްޕީޖީ ސިލިންޑަރުތައް ހޯދުމަށް މިހާރު ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ސަޕްލައި ލަސްވުމާއި އަގު ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލިޓީ ދާއިރާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށް އިންޑަސްޓްރީ ގްރޫޕްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިތުރުވަމުންދާ ޚަރަދުތަކުން ސަލާމަތްވުމަށްޓަކައި ގިނަ ރެސްޓޯރެންޓްތަކަށް މިހާރު ވަނީ މަޖުބޫރު ހާލަތްތަކެއް ކުރިމަތިވެފައެވެ. ބައެއް ތަންތަނުން މެނޫތަކުން ބައެއް ބާވަތްތައް މަދުކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ އިތުބާރު ނުކުރެވޭ ގޭސް ސަޕްލައިގެ ބަދަލުގައި ކެއްކުމަށް އިލެކްޓްރިކް ސާމާނު ބޭނުންކުރަން ފަށާފައެވެ. ގޭސް ރީފިލް ކުރުމަށް އާންމުކޮށް ހޭދަވާ ވަގުތަށްވުރެ ގިނައިރު އިންތިޒާރު ކުރަން ޖެހުމުގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތަކަށް ދަނީ ބޮޑެތި ބުރޫތައް އަރަމުންނެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މިކަމުގެ ނޭދެވޭ އަސަރުތައް ހަމައެކަނި ރެސްޓޯރެންޓްތަކަށް ހުއްޓިފައެއް ނޯންނާނެއެވެ. ތެލުގެ އަގު އުފުލުމާއެކު ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު މައްޗަށް ގޮސް، ގައުމުގެ އިންފްލޭޝަން ރޭޓް ކޮންޓްރޯލުން ނެއްޓިގެންދާނެ ކަމަށް ބެލެވެއެވެ.

މި ހާލަތުން ހާމަވަނީ އިންޑިއާގެ ހަކަތައިގެ ސިޔާސަތުގައި ހުރި ނާޒުކުކަމާއި ބަލިކަށިކަމެވެ. އެގައުމުގެ ތެޔޮ އިމްޕޯޓުގެ ބޮޑު ބައެއް އެންމެ ޖިއޮޕޮލިޓިކަލް "ޗޮކްޕޮއިންޓެއް" ގެ ސަބަބުން މިހާ ބޮޑު ލޮޅުމެއް އަރައިގެން ދިޔުމުން ދޭހަވަނީ ކިތަންމެ ގަދަ ދައްކާފަ އުޅުނަސް އިންޑިއާގެ އާރެއް ބާރެއް ނެތް ކަމެވެ.

ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސްޓްރޭޓް އޮފް ހޯރމުޒްގެ ހަމަނުޖެހުންތައް ދިގުލައިގެން ހިނގައްޖެނަމަ، އިންޑިއާ ރައްޔިތުންނާއި ކުދި ވިޔަފާރިތަކަށް މިކަމުގެ ބުރަ އުފުލަން ނުކުޅެދި، މުޅި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އިންޑިއާ އަކީ މި ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލަށް ވާގިވެރިވެ ތާއީދުކުރަމުން އަންނަ ގައުމަކަށްވާއިރު އިރާނުން އެޅި މި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ގައުމަށް އިންޑިއާ ވަނީ ވެގެން ގޮސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved