
މޯލްޑިވިއަން އިން ޓިކެޓް އަގު ކަނޑައަޅާ ގޮތާމެދު ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސުވާލެއް އަމާޒު ކުރައްވައިފިއެވެ.
އެކަމަނާގެ ސުވާލު އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާރިޔާ ވަނީ ކުރު ދަތުރުތަކަށް ނަގާ އަގު ބޮޑުވެފައި ދިގު ދަތުރުތަކުގެ އަގު ކުޑަވުމުން އެކަމާ ހައިރާންވެވަޑައިގެންފައެވެ. މިސާލެއްގެ ގޮތުން ނެންގެވީ މާލެ އިން ކައްދޫއަށް ކުރާ ދަތުރުގެ އަގާއި މާލެއިން ކޫއްޑޫއަށް ކުރާ ދަތުރުގެ އަގެވެ.
އެ ދެ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގު ފެންނަ ފޮޓޯއެއްވެސް ހިއްސާ ކުރައްވާ މާރިޔާ ވިދާޅުވީ، މާލެ އިން ކައްދޫއަށް ކުރާ ދަތުރުގެ ދިގު މިނަކީ 40 މިނެޓު ކަމެވެ. ދެކޮޅުގެ އަގަކީ 3،000 ރުފިޔާ ކަމާ މާލެ އިން ކޫއްޑޫއަށް ކުރާ ދަތުރުގެ ދިގު މިނަކީ ގަޑިއެއްގެ އިރުކަމެވެ. ނަމަވެސް ދެކޮޅު ޓިކެޓްގެ އަގަކީ 2،020 ރުފިޔާކަން ފާހަގަކުރައްވާ މާރިޔާ ވަނީ މިއި ކިހިނެއް ވާ ކަމެއްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.
މޯލްޑިވިއަންގެ ޓިކެޓް އަގުތައް ކަނޑައަޅާ ގޮތާމެދު މި ފަހަކަށް އައިސް އެތައް ބަޔަކު ސުވާލުއުފައްދާ ކަންބޮޑުވުން ފާޅުކުރެއެވެ. ވައިގެ ދަތުރުފަތުރުގެ އަގު ކުޑަ ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ވާ ވައުދެކެވެ. ނަމަވެސް އެ ވައުދުފުއްދުމުގެ ނަމުގައި ކުޑަ ދުވަސްކޮޅަކަށް ޓިކެޓްގެ އަގު ހެޔޮކޮށް ކުރީގެ އަގަށް ބަދަލު ކުރެ އެވެ.










