

ދޮގު ހަދާ މީހާ ވައްކަން ކުރާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ދޮގުހެދުން ހައްދުން ނެއްޓިފައިވަނިކޮށް އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުންނެވެ.
މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުގެ ދުރުމިން ބަލާލާއިރު މުއިއްޒުގެ ވެރިކަމުގެ "ކަޅު ދިގު އެއް އަހަރު" ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާތަނެވެ.
އަމިއްލަ އެދުމުން ފޯވެ ދައުލަތް އަމިއްލަ މިލްކަކަށް ހަދައިގެން އަނިޔާވެރި ޑިކްޓޭޓަރެއް ގައުމު ލޫޑުވާތަނެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.
މިފަހުން ރައީސް މުއިއްޒުގެ ދޮގު ހެދުން އިތުރުވަމުންދާތީވެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ކާނިވާ ދޮށަށް އެތައް ހާސް ބަޔަކު އެއްވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާފަ އެވެ.
މާރިޔާ ވިދާޅުވީ މުޅި މި ރާއްޖެ މިދަނީ ނޯތު ކޮރެއާއަށް ބަދަލުވަމުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "އައިޑޮލް" އަކީވެސް ނޯތު ކޮރެއާ ކަމަށެވެ.
ބޭނުން ވަނީ ރައްޔިތުން ފަގީރުކޮށްލަން. ކުޑައިރުއްސުރެ އަޅުގަނޑުމެންގެ މައިންބަފައިން ނަސޭހަތް ލައިދޭނެ، ދޮގު ހަދާ މީހާ ވައްކަން ކުރާނެއޭ. ހަމަ ސާފުކޮށް ފެންނަ ގޮތަށް އެ ދޮގު ހަދަމުން ދަނީ،
މާރިޔާ ވިދާޅުވީ މި ސަރުކާރުން ދޮގު މައްޗަށް ދޮގު ހަދަމުން އައިސް މިއަދު ރާއްޖެ މިއޮތީ ނިކަމެތިވެފައި ކަމަށެވެ. ރައްޔިތުން މިއަދު އެދެނީ ސަރުކާރު ބަދަލުކުރަން ކަމަށާއި މަގުމަތިން އިވޭހާވެސް އަޑަކީ އެއީ ކަމަށް މާރިޔާ ވިދާޅުވި އެވެ.