
ގާނޫނުއަސާސީއަށް ހުތިހުރި އިސލާހުތަކެއް ގެެނސް ވެރިކަން ކުރަން ތިމާއަށް މަގުފަހިކުރަމުންދާ ދިއުމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށަން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނުއަސާސީއަށް ބަދަލު ގެނެސް ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ނުބައިރޭވުމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މަޖިލީހުގެ ދައުރުކުރުކޮށް ރިޔާސީ އިންތިހާބުގެ ދައުރު ދިގު ދަންމާލުމަކީ ދެ އިންތިހާބު އެއްކޮށްލުމުގެ ބޭނުން ކަމަށް ވިދާޅުވެ މަލީހު ވިދާޅުވެފައިވަނީ އެހެންކަމުން އެ ނުބައި ރޭވުން ފެއިލްކޮށްލަން ޖެހޭ ކަމަށެވެ.
ގާނޫނުއަސާސީއަށް މި ސަރުކާރުން ބޭނުންހާ ބަދަލުތަކެއް ގެންނަމުންދާ ދިއުމާ މެދު ނުރުހުން ފާޅުކުރައްވާ މަލީހު ވިދާޅުވެފައިވަނީ، މަޖިލިސް މެމްބަރުން ގާނޫނުއަސާސީ އޮޅާލަމުންދާ ދިއުމާ ދެކޮޅަށް ދާއިރާތަކުގައި ވަރުގަދަ މުޒާހަރާތައް ކުރަން ޖެހޭ ކަމަށެވެ.
މަލީހުގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވެރިކަމަށް ވަޑައިގެންނެވިއިރު ރައީސް މުއިއްޒަކީ އާރެއް ބާރެއް ނެތް ކޮރަކައްޔެއް ފަދަ ބޭފުޅެއް ކަަމަށާ ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފެންނަމުން ދަނީ ޓައިގަރ ޝާކަަކަށް ހެދިގެން ހުރިހާ ބާރެއް އަތަށް ނަގަން އުޅޭ މަންޒަރު ކަމަށެވެ.
ވެރިކަމުގައި ހުރި ވެރިޔަކަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ ވެރިކަމަކީ ތިމަންނާގެ ތަރިކަ މުދާލެއް ކަމަށް ދެކި ހުރިހާ ބާރުތަކެއް އަމިއްލައަށް ޖަމާކުރަން މަސައްކަތްކުރުން ކަމަށާ ރައީސް މުއިއްޒު މިހާރު ގެންދަވަނީ އެ ގޯސް ހައްދަވަމުން ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް މުއިއްޒު ސައިޒުވާނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ގާނޫނުތަކަށް އިސްލާހު ގެނެސް ދަނީ ޚުދުމުހުތާރުކަން ދައްކަމުން ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.










