
ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން ފައިސާ ބަހާނެ ކަމަށާ އެ ފައިސާގައި ރައްޔިތުން ހިފިޔަސް އަދި އިންތިހާބާ ދިމާކޮށް ބަހާ ވަޒީފާތައް ގަބޫލުކުރިޔަސް ޕީއެންސީއަށް ވޯޓުނުދޭން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ގޮވާލައިފިއެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ފައިސާ ބަހާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށާ މިހާރު ވަޒީފާތައްވެސް އިންތިހާބާ ދިމާކޮށް ބަހަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް ލޯކަލް ކައުންސިލު އިންތިހާބައް ރައްޔިތުން ހޭވައްލާ ތައްޔާރަށް ތިއްބުމަށް ގޮވާލާ އައްބާސްވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ފައިސާ އާ ވަޒީފާ ބެހުމުން އެކަންކަން ހަމަ ގަބޫލުކުރަންވީ ކަަމަށް ވިދާޅުވެފައެވެ. އެކަންކަން ގަބޫލުކުރަން ޖެހެނީ ބަހާ ފައިސާއަކީ ރައްޔިތުންގެ ބައިތުލްމާލުން ނަގާ ފައިސާއަށް ވުމުން ކަމަށާ ބަހާ ވަޒީފާތައް ގަބޫލުކުރަންވީ އެ ވަޒީފާތަކުގެ މުސާރަވެސް ދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށްވުމުން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ނަމަވެސް އެހުރިހާ ހުށަހެޅުންތަކެއް ގަބޫލުކުރިޔަސް އެއްވެސް ރައްޔިތަކު ޕީއެންސީއަށް ވޯޓުނުދިނުމަށް އޭނާ ވަނި ގޮވާލާފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އިންތިޚާބުގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މިގޮތުން، ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ކާމިޔާބު ކުރުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.










